އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ ފެށުނު ފަހުން، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވައިގެ ދަތުރުފަތުރަށް އަޅާފައިވާ ހުރިހާ ހުރަސްތަކެއް އުވާލައިފި ކަމަށް އެ ގައުމުގެ ސިވިލް އެވިއޭޝަން އޮތޯރިޓީން އިއުލާނުކޮށްފިއެވެ.
ޔޫއޭއީގެ ޖެނެރަލް ސިވިލް އެވިއޭޝަން އޮތޯރިޓީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގެ ވައިގެ ސަރަހައްދުގައި ހިންގާ ހުރިހާ އޮޕަރޭޝަންތަކެއް މިހާރު "އާންމު ހާލަތަށް" ރުޖޫއަވެފައިވާ ކަމަށެވެ. މި ނިންމުމަކީ އޮޕަރޭޝަނަލް އަދި ސަލާމަތީ ކަންކަން ފުރިހަމައަށް ވަޒަންކުރުމަށްފަހު، ކަމާބެހޭ އިދާރާތަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
މި ނިންމުމަކީ ބައިނަލްއަގުވާމީ ދަތުރުވެރިންގެ އެންމެ ބާރުބޮޑު އެއާޕޯޓް ކަމަށްވާ ދުބާއީ އެއާޕޯޓާއި އަބޫދާބީ އެއާޕޯޓަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން މި ދެ ހަބް ވެސް ހިންގަމުން އައީ ހަނގުރާމައިގެ ސަބަބުން އެޅި ހަރުކަށި ފިޔަވަޅުތަކާ އެކުގައެވެ. ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރާފައިވާއިރު، ޔޫއޭއީގެ އިތުރުން އިރާގު، އުރުދުން، ގަތަރު، ބަހްރޭން އަދި ކުވެއިތުން ވެސް ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.
ހަނގުރާމައިގެ ކުރީކޮޅު އެމިރޭޓްސް އަދި ފްލައި ދުބާއީ އިން ހުރިހާ ދަތުރުތަކެއް ވަގުތީ ގޮތުން ހުއްޓާލިއިރު، އިއްތިހާދު އެއާވޭސް އިން ވެސް ވަނީ އަބޫދާބީން ފުރާ ހުރިހާ ފްލައިޓްތަކެއް މެދުކަނޑާލާފައެވެ. އޭވިއޭޝަން ޑޭޓާ ފާމް 'ސީރިއަމް' އިން ހާމަކުރި ގޮތުގައި، ހަނގުރާމަ ފެށުނު ފުރަތަމަ ދުވަސްކޮޅު އެ ސަރަހައްދުން 11,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލް ކުރަން ޖެހުނެވެ.
މިދިޔަ މަހު ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވުމާ ގުޅިގެން، ސަރަހައްދީ ވައިގެ ދަތުރުފަތުރު އަލުން އާންމު ހާލަތަށް އަންނަން ވަނީ ފަށާފައެވެ. ޔޫއޭއީގެ އިތުރުން ގަތަރު އެއާވޭސް އިން ވެސް ވަނީ މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިރާގުގެ ތިން ސިޓީއަކަށް ދަތުރުތައް އަލުން ފަށާނެ ކަމަށް ބުނެފައެވެ.


