Tuesday, 28 July 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: އޭބީސީ ނިއުސް

އީރާނުގެ ހުށަހެޅުމާމެދު ޓްރަމްޕް ހިތްހަމަނުޖެހޭ: އެމެރިކާގެ އޮފިޝަލުން

އީރާނުން ހުށަހެޅި ހުށަހެޅުމުގައި އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ހިމަނާފައި ނުވާތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާ ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

މި ހުށަހެޅުމާ ގުޅޭގޮތުން ރައީސް ޓްރަމްޕް ވަނީ އެމަނިކުފާނުގެ ގައުމީ ސަލާމަތާ ބެހޭ އިސް މުޝީރުންނާ އެކު މަޝްވަރާ ކުރައްވާފައެވެ. އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ނުލިބި އޮތްއިރު، މީގެ ސަބަބުން އެ ސަރަހައްދުން ފޯރުކޮށްދޭ ހަކަތައިގެ ސަޕްލައިއަށް ވަނީ ބުރޫއަރާފައެވެ.

އީރާނުގެ މަސްދަރުތަކުން ބުނާ ގޮތުގައި، އެ ގައުމުން ހުށަހެޅި ހުށަހެޅުމުގައި ވަނީ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މަޝްވަރާތައް ހަނގުރާމަ ނިމެންދެން އަދި ގަލްފުގެ ކަނޑުގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ހައްލުވަންދެން މަޑުޖައްސާލުމަށެވެ. ނަމަވެސް، ވޮޝިންޓަނުން ބުނަމުންދަނީ ނިއުކްލިއާ މައްސަލަތަކަކީ އެންމެ ފުރަތަމަ މަރުހަލާގައިވެސް ހައްލުކުރަންޖެހޭ ކަންކަން ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ކުޑަކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ މަސްދަރުތަކުން ބުނާ ގޮތުގައި، މަޝްވަރާތައް މުޅިން ހުއްޓުމަކަށް ނާދެއެވެ. ނަމަވެސް، ސުލްހައިގެ މަސައްކަތްތަކަށް އޮތް އުންމީދު މިހާރު ވަނީ ކުޑަވެފައެވެ.

މި އުންމީދުތައް ކުޑަވެފައިވަނީ، ރައީސް ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި އެމަނިކުފާނުގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނަރު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރެއްވިކަން މި ހަފްތާ ބަންދުގައި އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *