Tuesday, 28 July 2026
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ވަޒީރުން ވަކިކުރީ މަސައްކަތަށް ފަރުވާކުޑަވެގެން ނޫން، ސަރުކާރުގެ ޚަރަދު ކުޑަކުރަން: ރައީސް

މި ސަރުކާރުން ވަކިކުރި ކޮންމެ ވަޒީރަކީ މަސައްކަތަށް ފަރުވާކުޑަވުމުން ވަކިކުރި ބޭފުޅެއް ނޫން ކަމަށާއި، އޭގެ ތެރޭގައި ވަރަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅުން ތިއްބެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް، ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ މަސައްކަތް ހަރުކަށިކޮށް ތަންފީޒު ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ބައެއް މިނިސްޓްރީތައް އުވާލައި، އެ މިނިސްޓްރީތަކުގެ ޒިންމާތައް އެހެން މިނިސްޓްރީތަކާ ހަވާލުކުރީ ސަރުކާރުގެ ސައިޒު ކުޑަކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރުންގެ މަގާމުން ވަކިކުރެއްވި ބޭފުޅުންގެ ތެރެއިން ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމާއި، ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު އަދި ކުރީގެ ބަންޑާރަނައިބު ފާޠިމަތު ދިޔާނާ ސަޢީދު ވަނީ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރައްވާފައެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ބައެއް މުހިންމު މަގާމުތައް ހުސްކޮށް ހުރި ކަމަށާއި، އޭގެ ތެރޭގައި ހައިކޮމިޝަނަރުންގެ މަގާމުތައް ހިމެނޭ ކަމަށެވެ.

"ކޮންމެ ބޭފުޅަކު ވަކިކުރީކީ ޕާފޯމަންސް ދަށްވެގެނެއް ނޫން. ހަމަ ވަރަށް ރަނގަޅަށް މަސައްކަތްކުރި ބޭފުޅުންވެސް އެބަތިބި. އެހެން ނަމަވެސް ސަރުކާރުގެ ސައިޒް ކުޑަކޮށް، ސަރުކާރު މަސައްކަތް ކުރަމުންދާ ގޮތް ބަދަލުކުރުމަށްޓަކައި އަޅުގަނޑު ނިންމި ބަދަލުތަކެއް އެއީ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮންމެ މިނިސްޓްރީއެއްގައި ތިބޭނެ ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައަޅައި، މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ރައީސް އޮފީހުން މިހާރު ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި މަސައްކަތް ނިމުމުން ގިނަ ބައެއްގެ ވަޒީފާތައް އުވިގެންދާނެ ކަމަށާއި، މި ބަދަލުތައް ގެންނަނީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *