Tuesday, 28 July 2026
ޓައިވާނުގެ ރައީސް ލައި ޗިންގް-ޓޭ -- ފޮޓޯ: ރާއްޖެ24

ޗައިނާގެ ފިއްތުންތަކާ ހުރެ ޓައިވާނުގެ ރައީސް އެސްވާޓީނީއަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލްކޮށްފި

ޓައިވާނުގެ ރައީސް ލައި ޗިންގް-ޓޭ އެފްރިކާ ބައްރުގައި ޓައިވާނުގެ ހަމައެކަނި ޑިޕްލޮމެޓިކް ބައިވެރިޔާ ކަމަށްވާ އެސްވާޓީނީއަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރައްވައިފިއެވެ. މި ދަތުރުފުޅު ކެންސަލް ކުރަން ޖެހުނީ ޗައިނާގެ ބޮޑު ފިއްތުންތަކަކާ ހުރެ ބައެއް ގައުމުތަކުން ޓައިވާނުގެ ރިޔާސީ މަތިންދާބޯޓަށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ބާތިލުކުރުމާ ގުޅިގެންނެވެ.

ރައީސް ލައި މި ދަތުރުފުޅު ފެއްޓެވުމަށް ކުރިން ހަމަޖެހިފައި އޮތީ ބުދަ ދުވަހުއެވެ. މިއީ އެސްވާޓީނީގެ ރަސްގެފާނު އެމްސްވާޓީ III ތަޚުތަށް އިސްވެވަޑައިގަތްތާ 40 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަން އޮތް ދަތުރުފުޅެކެވެ. ނަމަވެސް ސީޝެލްސް، މޮރިޝަސް އަދި މަޑަގަސްކަރައިން ވަނީ އެއްވެސް އިންޒާރަކާ ނުލައި، ޓައިވާނުގެ ރިޔާސީ ބޯޓަށް ދީފައިވާ ފްލައިޓް ޕާމިޓްތައް ބާތިލުކޮށްފައެވެ.

ޓައިވާނުގެ ރިޔާސީ އޮފީހުގެ ސެކްރެޓަރީ ޖެނެރަލް ޕަން މެންގް-އަން ވިދާޅުވީ، މި ގައުމުތަކުން މިފަދަ ނިންމުމެއް ނިންމީ ޗައިނާގެ އިގްތިސާދީ މަޖުބޫރުކުރުވުންތަކާއި ސިޔާސީ ފިއްތުންތަކުގެ ސަބަބުން ކަމަށެވެ. ޓައިވާނުގެ ސަލާމަތީ އިސް އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ޗައިނާއިން ވަނީ އެ ގައުމުތަކަށް ދީފައިވާ ދަރަނި މާފުކޮށްދިނުން ހުއްޓާލާނެ ކަމުގެ އިންޒާރުދީ، އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ރައީސް ލައި ސޯޝަލް މީޑިއާގައި ވިދާޅުވީ، ޗައިނާގެ މިފަދަ "ދަތިކުރުމުގެ އަމަލުތަކުން" ދޭހަވަނީ އަމިއްލަ އެދުން އިސްކުރާ ދައުލަތްތަކުން ބައިނަލްއަގުވާމީ ނިޒާމަށާއި ސުލްހައަށް ހުރި ނުރައްކާ ކަމަށެވެ.

"އެއްވެސް ބިރުދެއްކުމަކަށް ނުވަތަ ހުރަަހަކަށް ޓައިވާނުން ދުނިޔެއާ ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތެއް ނުހުއްޓުވޭނެ،" ލައި ވިދާޅުވިއެވެ.

ސީޝެލްސްގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޓައިވާނުގެ ބޯޓަށް ހުއްދަ ނުދިނީ އެ ގައުމުން ޓައިވާނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނާތީ ކަމަށާއި، އެއީ މިނިވަންކަމާއެކު ނިންމި ނިންމުމެއް ކަމަށެވެ. މަޑަގަސްކަރައިން ވެސް ބުނެފައިވަނީ އެ ގައުމުން ބަލައިގަންނަނީ "އެއް ޗައިނާ" ސިޔާސަތު ކަމަށެވެ. މިއީ ޗައިނާގެ ފިއްތުންތަކާ ހުރެ ޓައިވާނުގެ ރައީސަކު ޤައުމުން ބޭރަށް ކުރައްވަން އޮތް ދަތުރުފުޅެއް ކެންސަލް ކުރަން ޖެހުނު ފުރަތަމަ ފަހަރެވެ.

ޗައިނާއިން އަބަދުވެސް ދެކޭގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބައެކެވެ. އަދި ރައީސް ލައި އަކީ ވަކިވެގަތުމަށް މަސައްކަތްކުރާ ބޭފުޅެއްގެ ގޮތުގައި ޗައިނާއިން ސިފަކުރެއެވެ. ނަމަވެސް ލައި ވިދާޅުވަނީ ޓައިވާނުގެ މުސްތަގުބަލު ނިންމާނީ އެ ގައުމުގެ ރައްޔިތުން ކަމަށާއި، ޗައިނާގެ ދައުވާތައް ބަލައިނުގަންނަ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *