Monday, 26 October 2026
ބަންޑުން ޖަހާލި ބޯޓެއްގައި ރޮހިންޖާ ރެފިއުޖީންތަކެއް -- ފޮޓޯ: ރޮއިޓާސް

މިދިޔަ އަހަރު އެކަނިވެސް ހިޖުރަކުރަން އުޅުނު 8،000 އެއްހާ މީހުން މަރުވެ ނުވަތަ ގެއްލިފައިވޭ

ނިމިދިޔަ 2025 ވަނަ އަހަރު، ރައްކާތެރިކަމާއި އައު ފުރުޞަތުތައް ހޯދުމަށް އެއް ޤައުމުން އަނެއް ޤައުމަށް ހިޖުރަކުރި މީހުންގެ ތެރެއިން ގާތްގަނޑަކަށް 8،000 މީހުން މަރުވެ ނުވަތަ ގެއްލިފައިވާ ކަމަށް އދ. ގެ އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައި.އޯ.އެމް) އިން ހާމަކޮށްފިއެވެ. އަންގާރަ ދުވަހު އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން، މީގެ ތެރެއިން ކޮންމެ 10 މީހަކުން 4 މީހުން މަރުވެފައިވަނީ ޔޫރަޕަށް ދަތުރުކުރާ ކަނޑުގެ މަގުތަކުގައެވެ.

އައި.އޯ.އެމްގެ ހިއުމަނިޓޭރިއަން އެންޑް ރެސްޕޮންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރ މާރިއާ މޮއިޓާ ވިދާޅުވީ، މި ހިތާމަވެރި ހާދިސާތަކަކީ މިފަދަ ކަންކަން ހުއްޓުވުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢު ފެއިލްވެފައިވާ މިންވަރު ހާމަކޮށްދޭ ހެއްކެއް ކަމަށެވެ. 2025 ވަނަ އަހަރު މަރުވި ނުވަތަ ގެއްލުނު މީހުންގެ އަދަދަކީ 7،904 އެވެ. މިއީ 2024 ވަނަ އަހަރު ރިކޯޑު ކުރެވުނު 9،197 މީހުންނާ އަޅާބަލާއިރު މަދު އަދަދެއް ނަމަވެސް، އެހީގެ ބަޖެޓު ކުޑަކުރުމުގެ ސަބަބުން 1،500 އެއްހާ މީހުންގެ މަރު ކަށަވަރު ނުކުރެވި ހުރިކަން އެ އިދާރާއިން ފާހަގަކުރެއެވެ.

އައި.އޯ.އެމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ގިނަ ހާދިސާތަކަކީ "އިންވިޒިބަލް ޝިޕްރެކްސް" ނުވަތަ ކަނޑަށް ގެއްލިގެންދާ ބޯޓުފަހަރެވެ. މިފަދަ ހާދިސާތަކުގައި މުޅި ބޯޓު އޭގެ ދަތުރުވެރިންނާއެކު އެއްވެސް ނިޝާނެއް ނެތި ކަނޑަށް ޣަރަޤުވެގެންދެއެވެ. 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް 82،000 އަށްވުރެ ގިނަ މީހުން މިފަދަ ދަތުރުތަކުގައި މަރުވެފައިވާއިރު، މީގެ ސަބަބުން 340،000 އާއިލާ މެންބަރުންނަށް ސީދާ އަސަރުކޮށްފައިވާ ކަމަށް ލަފާކުރެވެއެވެ.

ހިޖުރަކުރާ މީހުންގެ މިސްރާބުތަކަށް ބަލާއިރު، ޔޫރަޕަށް އެތެރެވާ މީހުންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. މީގެ ކުރިން އެންމެ ގިނައިން ހިޖުރަކުރި ސޫރިޔާގެ ރައްޔިތުންގެ އަދަދު ވަނީ ސިޔާސީ ބަދަލުތަކާއެކު މަދުވެފައެވެ. ހުޅަނގު އެފްރިކާގެ މަގުން ދަތުރުކުރި 1،200 މީހަކު މަރުވެފައިވާއިރު، އޭޝިއާ ސަރަޙައްދުގައިވެސް މަރުވި މީހުންގެ އަދަދު ވަނީ ރިކޯޑު މިންވަރަކަށް މަތިވެފައެވެ. މީގެ ތެރޭގައި މިޔަންމާގެ އަނިޔާވެރިކަމުން ސަލާމަތްވާން މަސައްކަތްކުރި ރޮހިންޖާ މުސްލިމުން ގިނަ އަދަދަކަށް ހިމެނެއެވެ.

އައި.އޯ.އެމްގެ ޑިރެކްޓަރ ޖެނެރަލް އެމީ ޕޯޕް ވިދާޅުވީ، ހިޖުރަކުރާ މަގުތައް ބަދަލުވަނީ ހަނގުރާމަތަކާއި، މޫސުމީ ބަދަލުތަކާއި، އަދި ޤައުމުތަކުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް މަގުތައް ބަދަލުވިޔަސް ހިޖުރަކުރާ މީހުންނަށް އޮތް ނުރައްކަލަށް އެއްވެސް ލުޔެއް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ހިސާބުތަކުގެ ފަހަތުގައި ވަނީ ރައްކާތެރިކަމަށް އެދި ނުރައްކާތެރި ދަތުރުތައް ކުރަމުންދާ އިންސާނުން،" އެމީ ޕޯޕް ވިދާޅުވިއެވެ. މި ރިޕޯޓާއެކު އދ. އިން ވަނީ ހިޖުރަކުރާ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި އިތުރު މަސައްކަތްތަކެއް ކުރުމަށް ގޮވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *