Tuesday, 28 July 2026
ފޮޓޯ: ދަ ގާޑިއަން

އީރާނުގެ ސަރުކާރަށް ތާއީދުކޮށް އެތައް ހާސް ބަޔަކު މަގުތަކަށް

އީރާނުގެ ސަރުކާރަށް ތާއީދުކޮށް އެ ގައުމުގެ ވެރިރަށް ތެހެރާންގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ މުޒާހަރާކޮށްފިއެވެ. މި އެއްވުމުގެ ބައިވެރިން ވަނީ އެމެރިކާއަށް އެއްވެސް އިތުބާރެއް ނެތްކަން ހާމަކޮށް، އެމެރިކާގެ ކުރިމަތީގައި ދޫނުދިނުމަށް އީރާނުގެ ސަރުކާރަށް ގޮވާލާފައެވެ.

އީރާނުގެ ރައްޔިތެއް ބުނި ގޮތުގައި، އެމެރިކާއިން މިހާތަނަށް އީރާނާއެކު ވެފައިވާ އެއްވެސް ވައުދެއް ނުވަތަ ސޮއިކޮށްފައިވާ އެއްވެސް އެއްބަސްވުމަކަށް އިހުތިރާމްކޮށްފައެއް ނުވެއެވެ. "ޚާރިޖީ ގުޅުންތަކުގެ މަގުން ކަންކަން ކުރިއަށް ދިޔަ ނަމަވެސް، އަހަރެމެން ކުރިއަށް ދާންވާނީ އެއްވެސް ވައުދެއް ފުއްދާފައިނުވާ އެމެރިކާއާ މެދު ފުރިހަމަ އިތުބާރު ކުޑަކަމާއެކު،" އޭނާ ބުންޏެވެ.

މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ ހާމިދު ރިޒާ ހައިދަރީ ބުނީ އީރާނުގެ ރައްޔިތުން ހަނގުރާމައަށް ބިރު ނުގަންނަ ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި އީރާނަށް ހަމަލާތަކެއް އަމާޒުވި ނަމަވެސް، އެ ގައުމުން ކުރިއަށް ދާނީ އިތުރު ވަރުގަދަކަމާއެކުގައެވެ. އަދި މިހާރު ކަންތައްތައް ވަމުންދާ ގޮތުން އެމެރިކާއާއި އިސްރާއީލަށް އޮތް ހަމައެކަނި ގޮތަކީ އީރާނުގެ ޑިމާންޑްތަކަށް ބޯލެނބުން ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ނެގީން ގޮލިޒާދޭ ނަމަކަށް ކިޔާ މީހަކު ބުނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ސުލްހަވެވޭނީ އޭނާއަށް ވަރުގަދަ ރައްދެއް ދީގެން ކަމަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، މީގެ ދެ ހަފުތާ ކުރިންވެސް އީރާނަށް ހަމަލާދީ ފަހަތަށް ޖައްސާލަން އުޅުމަށްފަހު، އެމެރިކާއިން ވަނީ އީރާނުން ބުނި ކަންކަމަށް އެއްބަސްވެ ދޫދީފައެވެ.

މި މުޒާހަރާތަކަކީ އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ބޭއްވި އެއްވުންތަކެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *