Tuesday, 28 July 2026
10 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމާއި ގުޅިގެން ލުބުނާނުގެ ރައްޔިތުން އުފާފާޅު ކުރަނީ -- ފޮޓޯ: އަލްޖަޒީރާ

އިސްރާއީލާއި ލުބުނާނުން 10 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ

އިސްރާއީލާއި ލުބުނާނާ ދެމެދު 10 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށައިފިއެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި އުފާފާޅުކުރުމުގެ ގޮތުން ބަޑިޖަހާފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު މި އެއްބަސްވުން އިއުލާނު ކުރައްވަމުން ވިދާޅުވީ، އީރާނުގެ މަދަދުލިބޭ ހިޒްބުﷲ ޖަމާއަތުން ވެސް މި އެއްބަސްވުމަށް އިހުތިރާމްކުރާނެ ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ ވަގުތު ޖެހުމާއެކު ބެއިރޫތުގެ މަގުތަކުގައި ގިނަ ބަޔަކު އުފާފާޅުކުރަމުންދިޔައިރު، ގެދޮރު ދޫކޮށް ދާންޖެހުނު އާއިލާތަކުން ވަނީ އަލުން ދެކުނު ލުބުނާނާއި ބެއިރޫތުގެ ސަބާބްތަކަށް އެނބުރި ދާން ފަށާފައެވެ. ނަމަވެސް، މަސްރަހު ހަމައަކަށް އެޅެންދެން އެނބުރި ގެއަށް ނުދިއުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ލުބުނާނުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، އެއްބަސްވުމަށް އަމަލުކުރަން ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިސްރާއީލުން ވަނީ އެއްބަސްވުމާ ހިލާފަށް ބައެއް އަަށް ފަހަރު ބަޑީގެ ހަމަލާތައް ދީފައެވެ.

ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ 10 މިނެޓު ކުރިންވެސް އިސްރާއީލަށް ހަމަލާތަކެއް ދީފައިވާނެ ކަމަށެވެ. ރައީސް ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި ހިޒްބުﷲ އަށް އިލްތިމާސްކުރައްވައި، މި މުއްދަތުގައި އެއްބަސްވުމަށް ފުރިހަމައަށް ބޯލެނބުމަށް ގޮވާލައްވާފައެވެ.

"އަހަރެން އުންމީދު ކުރަނީ މި މުހިންމު ވަގުތުގައި ހިޒްބުﷲ އިން ރަނގަޅަށް އަމަލުކުރާނެ ކަމަށް. އިތުރަށް މީހުން މެރުން ހުއްޓާލައި، ސުލްހަ ގާއިމްކުރަންޖެހޭ،" ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ޓްރަމްޕް ވަނީ އިސްރާއީލާއި ލުބުނާނުގެ ވެރިން ވައިޓް ހައުސްއަށް ޒިޔާރަތްކުރުމަށް ދައުވަތު އަރުވާފައެވެ. މިއީ 1983 ވަނަ އަހަރަށްފަހު ދެ ގައުމުގެ ދެމެދުގައި ބޭއްވޭނެ އެންމެ މުހިންމު މަޝްވަރާތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުގެ ހާރިޖީ ވުޒާރާއިން ވެސް ވަނީ މި އެއްބަސްވުމަށް މަރުހަބާ ކިޔާފައެވެ. އަދި ގަތަރު، އުރުދުން އަދި ބަހްރޭނުން ވެސް ވަނީ މި ނިންމުމަށް ތާއީދުކޮށް ބަޔާންތައް ނެރެފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *