އަންޑަމަން ކަނޑުގެ ތެރެއަށް ރޮހިންޖާ ރެފިއުޖީންނާއި ބަންގްލަދޭޝްގެ ރައްޔިތުން ގޮވައިގެން ދަތުރުކުރި ބޯޓެއް ބަންޑުންޖަހާލައި، ގާތްގަނޑަކަށް 250 އެއްހާ މީހުން ގެއްލިފައިވާ ކަމަށް އދ. ގެ ރެފިއުޖީ އެޖެންސީ އާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން އިން ބުނެފިއެވެ.
އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ އަދަދެއްގެ ބަޔަކު އުފުލި މި ބޯޓު ބަންޑުންޖަހާލީ ގަދަ ވަޔާއި، ކަނޑުގަދަވުމުގެ އިތުރުން ބޯޓަށް ބަރުކޮށްފައިވާ މިންވަރު އިތުރުވުމުގެ ސަބަބުން ކަމަށް މި ދެ އިދާރާއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ. މި ބޯޓަކީ ބަންގްލަދޭޝްގެ ދެކުނުގެ ޓެކްނާފުން ފުރައިގެން މެލޭޝިއާއަށް ދިއުމަށް ދަތުރުކުރި ބޯޓެކެވެ.
ބަންގްލަދޭޝްގެ ކޯސްޓްގާޑުން ބުނި ގޮތުގައި، އިންޑޮނޭޝިއާއަށް ދަތުރުކުރި އެ އިދާރާގެ އުޅަނދަކަށް ވަނީ ކަނޑުމަތިން ނުވަ މީހަކު ސަލާމަތްކުރެވިފައެވެ. މީގެ ތެރޭގައި އެކަކީ އަންހެނެކެވެ. ކޯސްޓްގާޑުގެ ތަރުޖަމާނު ލެފްޓިނެންޓް ކޮމާންޑަރު ސައްބީރު އާލަމް ސުޖާން ވިދާޅުވީ، ކަނޑުމަތީގައި ބައެއް މީހުން ފީފާ އާއި ލަކުޑިބުރިތަކުގައި އެލިގަނެގެން ތިއްބާ ފެނިގެން ސަލާމަތްކުރެވުނު ކަމަށެވެ. ސަލާމަތްކުރެވުނު މީހުންގެ ތެރެއިން ހަ މީހަކީ އިންސާނީ ވަގުފާރީގެ ތުހުމަތު ކުރެވޭ ބައެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާއިން ސަލާމަތްވި ރަފީގުލް އިސްލާމް ކިޔާ މީހަކު ބުނި ގޮތުގައި، އޭނާ ބޯޓަށް އެރީ މެލޭޝިއާއިން ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ ބަޔަކު ދެއްކި ވާހަކައަށެވެ.
"އަހަރެމެން ކަނޑުމަތީގައި 36 ގަޑިއިރު ވަންދެން ތިބިން ސަލާމަތްވުމުގެ ކުރިން. ބޯޓުގެ ތެރޭގައި ތޮއްޖެހިފައި އޮތް މިންވަރުންނާއި ނޭވާ ހާސްވެގެން 25 އާއި 30 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވި،" އޭނާ ކިޔައިދިނެވެ.
މިއަންމާގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ އަމަލުތަކުގެ ސަބަބުން 2017 ވަނަ އަހަރު 730،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން ވަނީ ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކަށް ހިޖުރަކޮށްފައެވެ. ނަމަވެސް ކޭމްޕުތަކުގެ ދަތި ހާލަތާއި މިއަންމާގެ ދާހިލީ ހަނގުރާމައިން ސަލާމަތްވުމަށް ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު ނުރައްކާތެރި ކަނޑުގެ ދަތުރުތައް ކުރެއެވެ.
ޔޫއެންއެޗްސީއާރުން ބުނި ގޮތުގައި، މި ފަދަ ހާދިސާތަކަކީ ރޮހިންޖާ މީހުންނަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެން ދިއުމުގެ ސަބަބުން ކުރިމަތިވާ އިންސާނީ ބޮޑެތި ގެއްލުންތަކެކެވެ. މިދިޔަ އަހަރުވެސް ކަނޑުމަތީގައި ހިނގި ދެ ހާދިސާއެއްގައި 427 ރޮހިންޖާ މީހުން މަރުވެފައިވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.


