Tuesday, 28 July 2026
އިޒްރޭލްގެ ހަމަލާތަކުގެ ސަބަބުން ޣައްޒާ ސުންނާފަތިވެފައި - ފޮޓޯ: ލޮސްއެންެޖެލަސް ނިއުސް

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި 11 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކެއްގައި، ދެ ކުޑަކުދިން ހިމެނޭހެން މަދުވެގެން 11 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފިއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު 10 ވަނަ ދުވަހުން ފެށިގެން ހަމާސްއާއެކު ވެފައިވާ "ސުލްހައިގެ އެއްބަސްވުމާ" އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ދިއުމުގެ ތެރެއިން ހިންގި އާ ޖަރީމާތަކެކެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އިދާރާއާއި ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހު ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ދިން މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ތިން އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖަކު ހިމެނެއެވެ.

ޣައްޒާ ސިޓީގެ މެދުތެރޭގައި ފުލުހުންގެ އުޅަނދަކަށް އަމާޒުކޮށް އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ދިން ހަމަލާއެއްގައި ފުލުސް އޮފިސަރަކާއި ތިން އަހަރުގެ ކުއްޖަކާއެކު ޖުމްލަ ހަތަރު މީހުން ޝަހީދުވެފައިވާ ކަމަށް ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބާސަލް ވިދާޅުވިއެވެ. މި ހަމަލާގައި އެ ސަރަހައްދުގައި ތިބި އާންމުންގެ ނުވަ މީހަކު ޒަޚަމްވެފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ޣައްޒާގެ ދާޚިލީ ވުޒާރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، ޣައްޒާ ސިޓީގެ ޝާތީ ރެފިއުޖީ ކޭމްޕް ކައިރީގައި ހުރި ކެފޭއަކަށް އަމާޒުކޮށް އިސްރާއީލުގެ ޑްރޯންއަކުން ދިން ހަމަލާއެއްގައި ފަސް މީހުން ޝަހީދުވެފައިވާކަން އަލް-ޝިފާ ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ބައިތު ލާހިޔާ ސަރަހައްދުގައިވެސް އިސްރާއީލުގެ ހަމަލާއެއްގައި މީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދު މިދިޔަ އޮކްޓޯބަރު މަހު އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އިސްރާއީލު ސިފައިން ދަނީ ކޮންމެ ދުވަހަކުވެސް ޣައްޒާއަށް ހަމަލާތައް ދެމުންނެވެ. މި އެއްބަސްވުމަށްފަހު އެކަނިވެސް އިސްރާއީލުން ވަނީ 760 އެއްހާ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 އޮކްޓޯބަރު 7 ގައި އިސްރާއީލުން ފެށި ހަނގުރާމައިގައި މިހާތަނަށް ޖުމްލަ 72,336 މީހުން ޝަހީދުވެފައިވެއެވެ. އަދި ފަހުގެ ހަމަލާތަކާ ގުޅިގެން ޒަޚަމްވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *