އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރަމުންދާ ބްލޮކޭޑް ނުވަތަ ބަނދަރުތައް ބަންދުކުރުމުގެ އަމަލީ މަސައްކަތަކީ އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ގައުމެއްގެ އުޅަނދުތަކުގެ މައްޗަށް ހިނގާނެ ކަމެއް ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކޮށްފިއެވެ. ސެންޓްކޮމް އިން ބުނި ގޮތުގައި މި ފިޔަވަޅަކީ އީރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކާއި ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ ހުރިހާ އުޅަނދުތަކަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެކެވެ.
އީރާނުގެ ބަނދަރުތައް ބަންދުކުރުމުގެ މި މަސައްކަތުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ ގައިޑެޑް މިސައިލް ޑިސްޓްރޯޔަރުތައް ބޭނުންކުރަމުންދާ ކަމަށް ސެންޓްކޮމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މި އުޅަނދުތަކަކީ މިފަދަ އޮޕަރޭޝަންތައް ހިންގުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެއް ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ސެންޓްކޮމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އާންމުކޮށް މިފަދަ ޑިސްޓްރޯޔަރެއްގައި 300 އަށްވުރެ ގިނަ ފަޅުވެރިން ތިބޭނެ ކަމަށާއި، އެއީ ކަނޑުމަތީގެ ހަމަލާދިނުމާއި ދިފާއީ އޮޕަރޭޝަންތައް ހިންގުމަށް ވަރަށް މަތީ ފެންވަރަށް ތަމްރީނު ކުރެވިފައިވާ ސިފައިން ކަމަށެވެ.
މި ބްލޮކޭޑްގެ ސަބަބުން އީރާނުގެ ކަނޑުގެ ވިޔަފާރިއަށާއި ބައިނަލްއަގުވާމީ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. އެމެރިކާއިން މި ފިޔަވަޅު އަޅާފައިވަނީ އެ ސަރަހައްދުގެ މަސްލަހަތު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.


