ހޯމަ ދުވަހު ދެއްވި ޓީވީ ތަގުރީރެއްގައި ގާސިމް ވަނީ މި ބައްދަލުވުމުގައި ބައިވެރިނުވެ، ލުބުނާނު ސަރުކާރުން ތާރީޚީ އަދި ހިތްވަރުގަދަ ނިންމުމެއް ނިންމުމަށް ގޮވާލައްވާފައެވެ. އަންގާރަ ދުވަހު ވޮޝިންޓަންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ދެ ގައުމުގެ ސަފީރުން ބައިވެރިވެ، ސީދާ މަޝްވަރާތައް ފެށުމާ ގުޅޭގޮތުން ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ނައީމް ގާސިމް ވިދާޅުވި ގޮތުގައި މި މަޝްވަރާތަކަކީ ހިޒްބުﷲ ގެ ހަތިޔާރު އަތުލުމަށް ބާރު އެޅުމުގެ ގޮތުން ރާވާފައިވާ ރޭވުމެކެވެ. އަދި ހިޒްބުﷲ އިން ހަތިޔާރު ބަހައްޓައި އަމާން ނުދޭނެ ކަމަށާއި، މައިދާނުގައި ހަނގުރާމަ ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އިސްރާއީލުން ސާފުކޮށް ބުނަމުންދަނީ މި މަޝްވަރާތަކުގެ ބޭނުމަކީ ހިޒްބުﷲ ގެ ހަތިޔާރު އަތުލުން ކަމަށް. އެހެންކަމުން މަގްސަދު ކުރިއާލާ އެނގިފައިވާ މަޝްވަރާއަކަށް ދާނީ ކިހިނެއް؟" ގާސިމް ސުވާލު އުފެއްދެވިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ، އެ ގައުމުން ބޭނުންވަނީ ހިޒްބުﷲ ގެ ހަތިޔާރު ނައްތާލައި، ޖީލުތަކަށް ދެމިގެންދާނެ ފަދަ ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށެވެ. ނަމަވެސް އިސްރާއީލުން މިހާތަނަށް ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން ނުވަތަ ލުބުނާނުގެ ދެކުނުން ފޭބުމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
ލުބުނާނުގެ ވެރިރަށް ބެއިރޫތުގައިވެސް މި ބައްދަލުވުމާ ދެކޮޅަށް ގިނަ ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި، އިސްރާއީލުން ލުބުނާނަށް ބޮން އަޅަމުންދާ ދަނޑިވަޅެއްގައި ސީދާ މަޝްވަރާތަކަށް ދިއުމަކީ ބޮޑުވަޒީރު ނަވާފް ސަލާމް ލުބުނާނުގެ ރައްޔިތުންނަށް ވެވަޑައިގަންނަވާ ޚިޔާނާތެކެވެ.
މިދިޔަ މާރިޗު މަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 2,055 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 165 ކުޑަކުދިންނާއި 87 ސިއްހީ އެހީތެރިން ހިމެނެއެވެ. އަދި 1.2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިފައެވެ.


