ނޯއާ ކޮރަލް ރީފް ވޮޗްގެ ތަފާސްހިސާބުތަކާ ހަވާލާދީ އެމްއާރްއާރް އިން ބުނީ، ރާއްޖެ މިހާރު އޮތީ ގާ ހުދުވުމުގެ "ވޮޗް" އެލާޓް ގިންތީގައި ކަމަށެވެ. އަދި ކުރިއަށް އޮތް 12 ހަފުތާގެ ތެރޭގައި ހާލަތު އިތުރަށް ގޯސްވެ، "އެލާޓް ލެވަލް 1″ އަށް ބަދަލުވުމުގެ ފުރުސަތު ބޮޑުކަމަށް ލަފާކުރެވޭތީ، މިއީ ފަރުތަކުގެ ރައްކާތެރިކަމަށް ސަމާލުވާންޖެހޭ މަރުހަލާއެއްކަން އެ ޖަމުޢިއްޔާއިން ފާހަގަކުރެއެވެ.
އެމްއާރްއާރް އިން ވަނީ ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އާދައިގެ މިންވަރަކަށް ތިރިވަންދެން، ބިން ހިއްކުމާއި ވެލި ނެގުމުގެ ހުރިހާ މަޝްރޫޢެއް މެދުކަނޑާލުމަށް ސަރުކާރަށް ގޮވާލާފައެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ކިލަނބުވެ، ހޫނުމިން މަތިވުމުގެ ސަބަބުން ބަލިކަށިވެފައިވާ މުރަކަތަކަށް އިތުރު ގެއްލުން ލިބި، މަރުވުމުގެ ފުރުސަތު ބޮޑުވާކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވެލި ނެގުމުގެ މަސައްކަތްތައް ހުއްޓާލުމަށާއި، ނަޖިސް ފެން ސާފުނުކޮށް ކަނޑަށް ބޭރުނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ފަރުތަކުގެ ދިރުން ބަލިކަށިވާ މި ދަނޑިވަޅުގައި "ނިއުޓްރިއަންޓް ޕޮލިއުޝަން" އިތުރުވުމަކީ ފަރުތަކަށް ލިބޭނެ ބޮޑު ގެއްލުމެއްކަން އެ ޖަމުޢިއްޔާއިން ފާހަގަކުރެއެވެ.
ފަރުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، ފަރުތަކާ ދުރުގައި ނަގިލި އެޅުމަށާއި، މަސްވެރިކަމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ފަރުތަކަށް ގެއްލުން ނުވާނެ ގޮތަކަށް އަމަލުކުރުމަށް އާންމުންގެ ކިބައިން ވަނީ އެދިފައެވެ. އަދި ފަރުތަކުން ގާ ހުދުވާކަން ފާހަގަކުރެވޭނަމަ، މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޕޯޓަލް މެދުވެރިކޮށް އެކަން ރިޕޯޓްކުރުމަށް ވެސް އެމްއާރްއާރް އިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މީގެ ކުރިން 1998، 2016 އަދި 2023 ވަނަ އަހަރު ވެސް ގާ ހުދުވުމުގެ ބޮޑެތި ހާދިސާތައް ކުރިމަތިވެ، ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެމްއާރްއާރް އިން ބުނިގޮތުގައި މި ނާޒުކު ދަނޑިވަޅުގައި އަޅާ ކޮންމެ ފިޔަވަޅަކީ ފަރުތަކުގެ ދިރުން ދެމެހެއްޓުމަށް އެޅޭ މުހިންމު ބިންގަލެކެވެ.


