އީރާނުގެ ބަނދަރުތަކަށް ވަދެ ނުކުމެވާ އުޅަނދުފަހަރު ހުއްޓުވައި، ނޭވަލް ބްލޮކޭޑެއް ނުވަތަ ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާން ކުރެއްވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ. މި ނިންމުމާއެކު ބައިނަލްއަޤުވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު އާދީއްތަ ދުވަހު 8 އިންސައްތައަށްވުރެ މައްޗަށް ގޮސް، ފީފާއެއްގެ އަގު 103 ޑޮލަރަށް ވަނީ އަރާފައެވެ.
މިއީ މިދިޔަ އަންގާރަ ދުވަހަށްފަހު ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ރައީސް ޓްރަމްޕް މި ފިޔަވަޅު އަޅުއްވާނެކަން އިޢުލާން ކުރެއްވީ، ހަފުތާ ބަންދުގައި އެމެރިކާ އާއި އީރާނުގެ އޮފިޝަލުންގެ މެދުގައި ކުރިއަށްދިޔަ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވީ ހޯރްމުޒް ކަނޑުއޮޅިން ވަދެ ނުކުމެވާ ހުރިހާ އުޅަނދެއް އެމެރިކާގެ އަސްކަރިއްޔާއިން ހުއްޓުވާނެ ކަމަށެވެ.
ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުރިހާ އުޅަނދެއް ހުއްޓުވުމުގެ ބަދަލުގައި ހަމައެކަނި އީރާނަށް ދަތުރުކުރާ އަދި އީރާނުން ފުރާ އުޅަނދުފަހަރު އެކަނި ހުއްޓުވާނެ ކަމަށެވެ. މި ބްލޮކޭޑް ނުވަތަ ބަންދުކުރުން ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 10:00 (ޖީއެމްޓީން 14:00) ގައެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ސަޕްލައި ކުރާ މައި މަގު ކަމަށްވާ ހޯރްމުޒް ކަނޑުއޮޅީގެ މަސްރަޙު ގޯސްވުމާ ގުޅިގެން ތެލުގެ އަގަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. މިދިޔަ މަހު ތެލުގެ އަގު 119 ޑޮލަރަށް އެރި ނަމަވެސް، ދެ ހަފުތާގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމުން އަގު 92 ޑޮލަރަށް ތިރިވިއެވެ. އެހެންނަމަވެސް، މިހާރު އޮތް ނުތަނަވަސްކަމުގެ ސަބަބުން ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
މި ނިންމުމުގެ އަސަރު އޭޝިއާގެ ހިއްސާގެ ބާޒާރުތަކަށްވެސް ވަނީ ކޮށްފައެވެ. ހޯމަ ދުވަހު ބާޒާރުތައް ހުޅުވުނުއިރު، ޖަޕާނުގެ ނިކޭ 225 އިންޑެކްސް 0.9 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ދެކުނު ކޮރެއާގެ ކޮސްޕީ އިންޑެކްސް ވަނީ 1 އިންސައްތައަށްވުރެ ބޮޑަށް ދަށަށް ގޮސްފައެވެ. މީގެ އިތުރުން އެމެރިކާގެ ސްޓޮކް ފިއުޗާސްތަކަށްވެސް މި ނުތަނަވަސްކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.


