ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ބޮޑުވަމުން ދިޔަ ނަމަވެސް، ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭސް ލިބޭނެ ކަމުގެ ޔަގީންކަން މާލީ ވަޒީރު މޫސާ ޒަމީރު ދެއްވައިފިއެވެ. ވަޒީރު މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާ ދަނޑިވަޅެއްގައެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ވަޒީރުންގެ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު ރާއްޖެއިން އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ޚަބަރާއެކު ސާފުނުކުރާ ތެލުގެ އަގު ދަށަށް ދިޔަ ނަމަވެސް، އެ ބަދަލު ސާފުކުރި ތެލުގެ އަގުން އަދި ފެނިފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ސުލްހައިގެ މަޝްވަރާތަކުން މިހާތަނަށް ވަކި ގޮތެއް ނިންމިފައި ނުވާތީ، ބާޒާރުގައި ތެލުގެ އަގަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް މިވަގުތު ނުބެލެވޭ ކަމަށެވެ. ނަމަވެސް، ތެލުގެ އަގު އުފުލުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެކި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
ރައްޔިތުންނަށް ދެއްވަން އޮތް ޔަގީންކަމަކީ ކޮބައިތޯ ސުވާލުކުރުމުން ވަޒީރު ވިދާޅުވީ، "ދަތިކަމެއް މިވަގުތަށް ދަންނަވާލަން އޮތީ އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭސް ޝެޑިއުލްގައި އޮތްގޮތަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ" ކަމަށެވެ. މީގެ އިތުރުން ރާއްޖެއަށް ދަތިކަމެއް ނެތި ތެޔޮ ލިބޭނެ އިންތިޒާމުތަކެއް ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.


