ސްރީލަންކާގެ ބަނދަރުގައި ތާށިވެފައި ހުރި ރާއްޖެއަށް ގެންނަންޖެހޭ ކޮންޓެއިނަރުތައް ކްލިއާކޮށް، ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އިޤަތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް 4,241 ކޮންޓެއިނަރު ލަންކާ ބަނދަރުގައި ތާށިވެފައި ހުއްޓެވެ. ނަމަވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، އެސްޓީއޯ އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގުޅިގެން ކުރި މަސައްކަތުން މިހާރު އެ އަދަދު ވަނީ 1,741 އަށް ދަށްކުރެވިފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 2,500 ކޮންޓެއިނަރު ރާއްޖެއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި އޭޕްރީލް 12 އިން 14 އަށް އެކި ދުވަސްތަކަށް ބަހާލައިގެން ބޮޑެތި ޝިޕްމަންޓްތައް ރާއްޖެއަށް ވަންނާނެއެވެ. މީގެ އިތުރުން ތެލުގެ ޝިޕްމަންޓްތަކާއި ފްރޯޒަން މުދާވެސް އެއްވެސް ދަތިކަމެއް ނެތި ލިބެމުންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މިއަހަރު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު ނުވަތަ އިމްޕޯޓް ވަނީ 19 އިންސައްތަ އިތުރުވެފައެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި، ފަތުރުވެރިކަން ކުރިއަރައި ދިއުމުގެ އިތުރުން ރަމަޟާން މަހާ ދިމާވުމުން އައި ބަދަލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެއްވެސް ދަތިކަމެއް ނެތި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޗައިނާ، އިންޑިއާ، ތައިލެންޑް އަދި ވިއެޓްނާމް ހިމެނޭހެން ޖުމްލަ 7 މާކެޓަކުން މުދާ ގެނައުމުގެ އިންތިޒާމުތައް ފޮރިން މިނިސްޓްރީއާ ގުޅިގެން ހަމަޖައްސަމުންދާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.


