Tuesday, 28 July 2026
ކުރެހުމަކަށް އެޕަކުން ތަސްވީރަކަށް ބަދަލުގެނެވިފައި---ފޮޓޯ: ރާއްޖެ24

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިސްލާހު ކުރަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި އެ މީހުންގެ ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުތުތައް އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މި އިސްލާހުގެ ދަށުން، އެ ކެޓަގަރީން ފްލެޓަށް އެދޭއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި އެ މީހުން ބަލަހައްޓާ ބެލެނިވެރިންނަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާއްސަ ކެޓަގަރީ އަށް އިސްލާހުތަކެއް ގެންނަން ނިންމާފައިވާއިރު، މި ފަހުން ވަނީ އެފަދަ ފަރާތްތަކުން މާލޭގައި އުޅެންޖެހޭ މުއްދަތަށް ވެސް ލުއިތަކެއް ދީފަ އެވެ. އެގޮތުން، އާންމު ޝަރުތެއްގެ ގޮތުން މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެން ޖެހުނު ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނަމަ ފްލެޓަށް ހުށަހެޅޭނެ އެވެ.

މީގެ އިތުރުން، އެ މީހެއްގެ ނުކުޅެދުންތެރިކަމަށް މާލެއިން ހިދުމަތް ހޯދަން ދަތުރު ކުރަން ޖެހުމާއި، ހިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ގެނެވޭ ބަދަލުތަކެކެވެ.

ސަރުކާރުން މިހާރު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ޖުމްލަ 7،900 ފްލެޓާއި 1،250 އަކަފޫޓުގެ 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. ފޯމު ހުށަހަޅަން ޖެހެނީ ބޯހިޔާވަހިކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *