Tuesday, 28 July 2026
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރުގެ މަގާމުގައި ހުންނެވި މުހައްމަދު ސިނާނު---- ފޮޓޯ: ސަން

ސާބިތު ދަރަނި ނުދެއްކުމުގެ ސަބަބުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމަކާ އެއްގޮތަށް ސާބިތު ދަރަނި އަދާކުރަމުން ނުދާ ކަމަށް ކަނޑައަޅައި، އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާގެ ދަރަންޏެއް 6 މަސް ދުވަހުގެ ތެރޭގައި ބަހާލައިގެން ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި މި ހުކުމުގައި ބަޔާންކޮށްފައިވަނީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައިވާ ގޮތުން ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް އަދާކުރަމުން ނުދާ ނަމަ މެންބަރުކަމުގެ ޝަރުތު އުނިވާނެ ކަމަށެވެ. ސިނާންގެ ފަރާތުން ދަރަނީގެ ބާކީ ފައިސާ އެއްކޮށް ދައްކާފައިވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ދުވަހު ކަމަށްވީ ނަމަވެސް، އޭގެ ކުރިން ހުކުމުގައިވާ ތާވަލާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާކަން ކޯޓަށް ވަނީ ސާބިތުވެފައެވެ.

މި މައްސަލައިގައި ސިނާންގެ ފަރާތުން ހުށަހެޅި ދިފާއުތަކަށް ރިއާޔަތްކުރައްވައި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، "ހުކުމެއް އޮތްކަން ނޭނގޭ ކަމަށް ބުނުމަކީ ގާނޫނީ ބުރަދަނެއް އޮތް އުޒުރެއް ނޫން" ކަމަށެވެ. އަދި ސާބިތު ދަރަންޏަކީ ކޯޓަކުން ދައްކަން އަމުރުކޮށްފައިވާ ކޮންމެ ފައިސާއެއް ކަމަށާއި، އެ ފައިސާ ހުކުމުގައިވާ އިރުޝާދުތަކާ އެއްގޮތަށް ނުދައްކާ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށް ހުކުމުގައި ކަނޑައަޅާފައިވެއެވެ.

މެންބަރު ސިނާންގެ ގޮނޑި ހުސްވުމާ ގުޅިގެން، ގާނޫނުގައިވާ ގޮތުގެ މަތިން ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އެ ދާއިރާއަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެއެވެ. އެގޮތުން އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުގެ ކުރިން ބައި-އިލެކްޝަން ބާއްވަން ޖެހޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *