އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އީރާނުގެ ސިއްހީ ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ޖުމްލަ 144 ސިއްހީ ހިދުމަތްތެރިން ޝަހީދުވެ ނުވަތަ ޒަހަމްވެފައިވާ ކަމަށް އީރާނުގެ އިމަޖެންސީ ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.
އީރާނުގެ އިމަޖެންސީ ޑިޕާޓްމަންޓުގެ ވެރިޔާ ޖަފަރު މިއާދުފަރު މެހެރު ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހަމަލާތަކުގައި 26 ސިއްހީ ހިދުމަތްތެރިން ޝަހީދުވެފައިވާއިރު، 118 މީހަކު ވަނީ ޒަހަމްވެފައެވެ. މީގެ ތެރޭގައި މައިދާނުގައި ހަރަކާތްތެރިވަމުންދިޔަ އިމަޖެންސީ ދާއިރާގެ 78 މުވައްޒަފުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސިއްހީ ވަސީލަތްތަކަށް ލިބުނު ގެއްލުންތަކަށް ބަލާއިރު، 400 އަށްވުރެ ގިނަ މެޑިކަލް ޔުނިޓަށާއި، 57 އިމަޖެންސީ ބޭސްއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މީގެ އިތުރުން 47 އެމްބިއުލަންސާއި، ވައިގެ މަގުން ބަލިމީހުން އުފުލާ ދެ ހެލިކޮޕްޓަރެއްގެ އިތުރުން ކަނޑު މަގުން ބޭނުންކުރާ އެމްބިއުލަންސަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.
ޖަފަރު މިއާދުފަރު އިތުރަށް ވިދާޅުވީ، ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ހާލަތު މިހާރު އޮތީ ވަރަށް ކަންބޮޑުވާންޖެހޭ ފަދަ ދަރަޖައެއްގައި ކަމަށެވެ. މި ހަމަލާތަކުގެ ސަބަބުން އީރާނުގެ ސިއްހީ ނިޒާމަށް ވަނީ ނުހަނު ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.


