Tuesday, 28 July 2026
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ރޮއިޓާސް

ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބުކަމަށް ބުނެ، އެމެރިކާ ވަފުދު އިސްލާމްއާބާދުން ފުރައިފި

އީރާނާއި އެމެރިކާއާ ދެމެދު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދިޔަ ސުލްޙައިގެ މަޝްވަރާތައް އެއްވެސް އެއްބަސްވުމަކާ ހަމައަށް ނާދެވި ނިމުމަކަށް އަތުވެއްޖެއެވެ. 21 ގަޑިއިރަށް ދެމިގެންދިޔަ މި ވާހަކަތަކަށްފަހު އެމެރިކާގެ ވަފުދު މިހާރު ވަނީ އިސްލާމްއާބާދުން ފުރާފައެވެ. މިއީ 1979 ވަނަ އަހަރުގެ އީރާންގެ އިސްލާމީ އިންޤިލާބަށްފަހު ދެ ޤައުމުގެ މެދުގައި ބޭއްވުނު އެންމެ މަތީ ފަންތީގެ ބައްދަލުވުމެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވި ގޮތުގައި މަޝްވަރާތައް ނާކާމިޔާބުވީ ނިއުކްލިޔަރ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން ދިނުމަށް އީރާނުން އިންކާރު ކުރުމުންނެވެ. ނަމަވެސް އީރާނުން ބުނެފައިވަނީ އެމެރިކާއިން ހުށަހަޅާފައިވަނީ ބޮޑާ އަދި ބަލައިގަނެވޭނެ ފަދަ ޝަރުޠުތަކެއް ނޫން ކަމަށެވެ. މި މަޝްވަރާތައް ފެށިފައިވަނީ އެޕްރީލް 11 ވަނަ ދުވަހުއެވެ.

މަޝްވަރާގެ މައިގަނޑު އެއް ކަމަކީ ހަނގުރާމައާ ގުޅިގެން އީރާނުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމެވެ. އީރާނުން ޝަރުޠުކޮށްފައިވަނީ އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމަށާއި، ހުރްމުޒްގެ ފުރިހަމަ ކޮންޓްރޯލް އީރާނަށް ދިނުމަށެވެ. މީގެ އިތުރުން ލުބްނާނުގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށްވެސް އީރާނުން ބާރުއަޅާފައިވެއެވެ.

މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، ހުޅަނގު އޭޝިޔާ ސަރަޙައްދުގައި ސުލްޙަ ޤާއިމުކުރުމަށް އޮތް އުންމީދު ވަނީ ފަނޑުވެފައެވެ. އަދި އެޕްރީލް 7 ވަނަ ދުވަހު ދެ ފަރާތުން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމުގެ ކުރިމަގާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް ވަނީ އިންތިހާއަށް އުފުލިފައެވެ.

މި ބައްދަލުވުމުގައި އީރާން ތަމްސީލުކުރެއްވީ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފީއާއި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ. އެމެރިކާގެ ވަފުދުގައި ނައިބު ރައީސް ވޭންސްގެ އިތުރުން ސްޓީވް ވިޓްކޮފާއި ޖެރަޑް ކުޝްނަރ ހިމެނިވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *