Tuesday, 28 July 2026
ޗާގޯސް އައިލެންޑްސް -- ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާގެ ތާއީދު ނުލިބުމުން ޗާގޯސް އެއްބަސްވުން އިނގިރޭސިވިލާތުން މަޑުޖައްސާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު އޮތް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި، ޗާގޯސް އައިލެންޑްސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ބޮޑުވަޒީރު ކެއަރ ސްޓާމާ ނިންމެވި ނިންމެވުން މަޑުޖައްސާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އެއްބަސްވުމަށް ބޭނުންވާ ރަސްމީ ހުއްދަ އެމެރިކާއިން ދިނުމަށް ފަސްޖެހުމާ ގުޅިގެންނެވެ.

އިނގިރޭސި ސަރުކާރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، މި އެއްބަސްވުން މުޅިން ދޫކޮށްލީއެއް ނޫނެވެ. ނަމަވެސް، ކުރިއަށް އޮތް ހަފުތާތަކުގައި ޕާލަމެންޓް އުވާލުމުގެ ކުރިން މިކަމާ ގުޅޭ ގާނޫނު ފާސްކުރުމަށް ބޭނުންވާ ވަގުތު މިހާރު ވަނީ ފާއިތުވެފައެވެ. އަދި މެއި މަހުގެ މެދުތެރޭގައި އޮންނަ ރަސްގެފާނުގެ ތަގުރީރުގައި ވެސް ޗާގޯސްއާ ގުޅޭ އާ ބިލެއް ހިމަނާނެ ކަމަކަށް ނުބެލެވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި އެއްބަސްވުން އުވާލުމަށް ސްޓާމާއަށް ބާރުއަޅުއްވާފައެވެ. ޓްރަމްޕް ވަނީ މި މަޝްރޫއަކީ "ބަލިކަށިކަމުގެ އިންތިހާ" ކަމަށް ސިފަކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށްފަހު، އެތަނުގައި އޮންނަ އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ މަރުކަޒު ކުއްޔަށް ހިފުމަށް އަހަރަކު 136 މިލިއަން ޑޮލަރު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، ޑިއޭގޯ ގާސިއާ އަކީ އިނގިރޭސިވިލާތާއި އެމެރިކާއަށް ވެސް ވަރަށް މުހިންމު އަސްކަރީ މަރުކަޒެއް ކަމަށެވެ.

"އަހަރެމެން އަބަދުވެސް ބުނަމުން އައީ މި އެއްބަސްވުމާގެން ކުރިއަށްދާނީ އެމެރިކާގެ ތާއީދު އޮތް ނަމަ ކަމަށް. އެމެރިކާއާއި މޮރިޝަސްއާ އެކު އަދިވެސް މަޝްވަރާތައް ކުރިއަށްދާނެ،" ތަރުޖަމާނު ވިދާޅުވިއެވެ.

މި ނިންމުމާ ގުޅިގެން އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބޭޑެނޮކް ވިދާޅުވީ، މި އެއްބަސްވުން މަޑުޖައްސާލުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އިނގިރޭސިވިލާތުގެ މިލްކިއްޔާތުގައި އޮތް ބިމެއް ދޫކޮށްލުމަށް ބޮޑު ހޭދައެއް ކުރުމަކީ ގައުމީ މަސްލަހަތާ ހިލާފު ކަމެއް ކަމަށެވެ.

ފޮރިން އޮފީހުގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ ލޯޑް ސައިމަން މެކްޑޮނަލްޑް ވިދާޅުވި ގޮތުގައި، އެމެރިކާގެ ރައީސް މިކަމާ ދެކޮޅު ހައްދަވަމުންދާއިރު، ސަރުކާރަށް މި އެއްބަސްވުން މަޑުޖައްސާލުން ނޫން އިތުރު ގޮތެއް ނެތެވެ. މި އެއްބަސްވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލެނބުމަށާއި އެމެރިކާއާ އޮތް ގުޅުން ވަރުގަދަ ކުރުމަށް ކުރި ކަމެއް ނަމަވެސް، މިހާރު މި އެއްބަސްވުން ވަނީ ވަރަށް ބޮޑަށް ނާޒުކު ފައްތަރެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *