އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން 18 މީހުން ޝަހީދުވެފައިވާ ކަމަށް ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. މިއާއެކު، ވޭތުވެދިޔަ މަހު އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ފެށުނު ހަނގުރާމައިގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2،000 އަށްވުރެ މައްޗަށް އަރާފައެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ހޮނިހިރު ދުވަހު ބުނި ގޮތުގައި، ސައިދަން ކައިރީގައި އޮންނަ އަވަށަކަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި އަށް މީހުން ޝަހީދުވެ، ނުވަ މީހަކު ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން ނަބަޠިއްޔާ ސަރަހައްދަށް ދިން ހަމަލާތަކުގައި 10 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ކުއްލި ހާލަތްތަކުގައި މަސައްކަތްކުރާ ތިން މުވައްޒަފުންވެސް ހިމެނެއެވެ.
ހެލްތު މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މާޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ލުބުނާނުން 2،020 މީހުން ޝަހީދުވެ، 6،436 މީހުން ވަނީ ޒަޚަމްވެފައެވެ. މި ހަނގުރާމަ ފެށިގެން ދިޔައީ އީރާނަށް ތާއީދުކުރުމުގެ ގޮތުން ހިޒްބުﷲ އިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެން، އިސްރާއީލުން ލުބުނާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީ އެއްގަމު މަގުން އަރައިގަތުމުންނެވެ.
މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލުބުނާނުގެ ދެކުނުގައި ހިޒްބުﷲ އާއެކު ހިނގި ކުރިމަތިލުންތަކެއްގައި އިސްރާއީލުގެ ދެ ސިފައިން ވަނީ ޒަޚަމްވެފައެވެ. ޗެނަލް 13 އިން ބުނި ގޮތުގައި ޕެރަޓްރޫޕާ ބްރިގޭޑަށް ނިސްބަތްވާ މި ދެ ސިފައިންނަށް އަނިޔާވީ ހަމަލާތަކުގެ ބުރައިގެ ސަބަބުންނެވެ.
ހަނގުރާމަ ހުއްޓާލުމަށްޓަކައި އިސްރާއީލާއި ލުބުނާނާ ދެމެދު ސީދާ މަޝްވަރާތައް ބޭއްވުމަށް ކުރެވޭ މަސައްކަތްތަކާ ދެކޮޅަށް ބޭރޫތުގައި ގިނަ ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ ރުޤައްޔާ މުޝައިކް ބުނީ އިސްރާއީލާއެކު ސުލްހަ ބޭނުންވާ ކޮންމެ މީހަކީ ލުބުނާނު މީހެއް ނޫން ކަމަށާއި، ދުޝްމަނުންނާ ސަލާމްކުރާ މީހުންނަކީ ޒަޔަނިސްޓުން ކަމަށެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން ލުބުނާނުގެ ރައީސް ޖޯސެފް އައުންގެ އޮފީހުން ބުނެފައިވަނީ، ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ލުބުނާނާއި، އިސްރާއީލް އަދި އެމެރިކާގެ އޮފިޝަލުން އަންނަ ހަފުތާގައި ވޮޝިންގްޓަންގައި ބައްދަލުކުރާނެ ކަމަށެވެ. ނަމަވެސް ހިޒްބުﷲ އާއި އަމަލް މޫވްމަންޓުން ވަނީ މި ނާޒުކު ދަނޑިވަޅުގައި މަސްލަހަތު ނަގާނުލުމަށް އެދިފައެވެ.


