މި ބައްދަލުވުންތައް ފެށިފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު، އެމެރިކާއާއި އީރާނުގެ ވަފުދުތަކުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ވަކިވަކިން ބައްދަލުކުރެއްވުމަށް ފަހުގައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަޝްވަރާތަކަކީ ސަރަހައްދީ ދާއިމީ ސުލްހައަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެމެރިކާގެ ވަފުދުގައި އިސްކޮށް ހުންނެވީ ނައިބު ރައީސް ޖޭޑީ ވެންސް އެވެ. މީގެ އިތުރުން ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ މި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ. އީރާނުގެ 70 އަށްވުރެ ގިނަ މެންބަރުންގެ ވަފުދުގައި އިސްކޮށް ހުންނެވީ ޕާލަމަންޓުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އާއި ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީއެވެ.
މަޝްވަރާތަކާ ގުޅޭގޮތުން އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުރަތަމަ މި ބައްދަލުވުންތައް ނުސީދާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައި އޮތް ނަމަވެސް، މިހާރު ދެ ގައުމުގެ މަންދޫބުން ގެންދަވަނީ ޕާކިސްތާނުގެ މެދުވެރިންނާއެކު އެއް މޭޒެއްގެ ދޮށުގައި ސީދާ މަޝްވަރާ ކުރައްވަމުންނެވެ.
މި މަޝްވަރާތައް ކުރިއަށްދާއިރު، ލުބުނާނުގައި އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން ދެ ފަރާތުގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. އީރާނުން ބުނަމުންދަނީ ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަކީ މި އެއްބަސްވުމުގެ ބައެއް ކަމަށެވެ. ނަމަވެސް އެމެރިކާއާއި އިސްރާއީލުން ބުނަނީ ލުބުނާނުގެ މައްސަލައަކީ އީރާނާއި އެމެރިކާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ބައެއް ނޫން ކަމަށެވެ.
އީރާނުގެ ޕާލަމަންޓުގެ ރައީސް ގާލީބާފް ވިދާޅުވި ގޮތުގައި، މީގެ ކުރިން ވޮޝިންޓަނުން ވަނީ އީރާނުގެ ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށްލުމަށާއި ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައެވެ. މިދިޔަ މާރިޗު މަހުން ފެށިގެން ލުބުނާނުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 2,000 އެއްހާ މީހުން ވަނީ މަރުވެފައެވެ.


