ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނުގެ އެހީތެރިކަމާ އެކު ނުވަތަ އެހީތެރިކަމާ ނުލައި ނަމަވެސް އެމެރިކާއިން އެ ސަރަހައްދު ހުޅުވާލާނެއެވެ. އަދި މިކަމުގައި އެހީތެރިވުމަށް އެހެން ގައުމުތައް ވެސް ތިބީ ތައްޔާރަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިއީ ފަސޭހަ ކަމަކަށް ނުވާނެ، އެކަމަކު އަޅުގަނޑު ބުނާނީ ވަރަށް އަވަހަށް އެތަން ހުޅުވާލާނެ ކަމަށް،" ޓްރަމްޕް ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާނުން އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނެގުމަށް ނުވަތަ "ޓޯލް ބޫތު" ސިސްޓަމެއް ގާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް އެމެރިކާއިން އެއްބަސްނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އީރާނުން އިޝާރާތްކޮށްފައިވަނީ، އެމެރިކާއާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ދިނުމަށް އުޅަނދުފަހަރުގެ އަތުން ފީ ނަގާނެ ކަމަށެވެ.
އަދި ކޮންމެ އެއްބަސްވުމެއްގައި ވެސް އެންމެ މުހިންމު ކަމަކީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުން ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
"ނިއުކްލިއާ ހަތިޔާރު ނެތުން، އެއީ މުޅި އެއްބަސްވުމުގެ 99 އިންސައްތަ. އެކަން ހަމަޖެހުމުން ކަނޑުއޮޅި އަމިއްލައަށް ހުޅުވިގެންދާނެ،" އޭނާ ވިދާޅުވިއެވެ.
މިދިޔަ އަންގާރަ ދުވަހު އެމެރިކާއާއި އީރާނާ ދެމެދު ދެ ހަފުތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އިއުލާނުކޮށްފައިވީ ނަމަވެސް، ހޯރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް އަދިވެސް ވަނީ ހުއްޓިފައެވެ. މީގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބަޔަށް ވަނީ ބުރޫއަރާފައެވެ.


