މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ޚަރަދު ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.
އާރްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ހިރާސްތައް ކުޑަކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. މީގެ ބޭނުމަކީ ދުރު ރާސްތާއަށް ވިސްނައި، ކުންފުންޏަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ޚަރަދު ކުޑަކުރުމަށް އަޅާ މައިގަނޑު ފިޔަވަޅުތައް
ޚަރަދު ކުޑަކުރުމުގެ ގޮތުން އާރްޑީސީން އަޅަން ނިންމާފައިވާ މައިގަނޑު ފިޔަވަޅުތަކުގެ ތެރޭގައި
- ރާއްޖެިއން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މި ވަގުތަށް ހުއްޓާލުން
- ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަޤްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުން
- ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގައި ބިޒްނަސް ކްލާހުން ދަތުރު ނުކުރުން
- ދަތުރުގެ ހުރިހާ ޚަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ޚަރަދު ކުޑަކުރުން
- ރާއްޖެއިން ބޭރަށް ކުރާ ޓްރެއިނިންގ ދަތުރުތައް މި ވަގުތަށް ހުއްޓާލައި، މިފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުން
- ފެރީގެ ޚިދުމަތް ލިބޭ ސަރަޙައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުން
- ކުންފުންޏާށް ސީދާގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި، ފެއަރތަކުގައި މެނުވީ ބައިވެރިނުވުން
- އޮފީހުގެ ބަޖެޓުން ޚަރަދު ކޮށްގެން ކުރަންޖެހޭ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި، މިފަދަ ދަތުރެއް ކުރަން ޖެހިއްޖެނަމަ ވީހާވެސް ޚަރަދު ކުޑަގޮތަކަށް ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުން
- ފޯނާއި އިންޓާރނެޓާއި، ފެނާއި ކަރަންޓު އަދި މިނޫން ވެސް އޮޮފީސް ހިންގުމުގެ ޚަރަދުތައް ކުޑަކޮށް ހަމަޖެއްސުން
- އޮފީހުގައި ކަރަންޓު ބޭނުންކުރާ މެޝިނަރީއާއި، އިކުއިޕްމަންޓާއި، އެހެނިހެން އާލާތްތައް ބޭނުން ނުކުރާ ވަގުތުތަކުގައި ނިއްވާލުން
- އޮފީހުގެ އެތެރޭގައި ކުރަންޖެހޭ މުޢާމަލާތްތަކުގައި، ވީހާވެސް މަދުން ކަރުދާސް ބޭނުންކުރާ ގޮތަށް ހަމަޖެއްސުން
- އިތުރުގަޑީގައި މަސައްކަތް ކުރަން ނުޖެހޭ ގޮތަށް މަސައްކަތްތައް ރާވާ ކުރިއަށް ގެންދިއުން
އިތުރުގަޑީގައި މަސައްކަތް ކުރަން ނުޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައިގެން ކުރިއަށް ގެންދިއުމަށް އިސްކަންދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން އާރްޑީސީގެ އިތުރުން ސަރުކާރުގެ އެހެން ބައެއް ކުންފުނިތަކުން ވެސް މިހާރު ދަނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.


