Tuesday, 28 July 2026
ލުބްނާނުގެ ބެއިރޫތުގެ ތަލެތު އަލް ޚަޔާތު އަވަށުގައި ހަލާކުވެފައިވާ ގެއެއްގެ ތެރެއިން އިޒްރޭލުން ދިން ހަމަލާއެއްގައި މަރުވި މީހެއްގެ ހަށިގަނޑު ނެރެނީ -- ފޮޓޯ: އޭއެފްޕީ

އިސްރާއީލުން ލުބުނާނަށް ދެމުންދާ ވަރުގަދަ ހަމަލާތައް އދ. ގެ ސެކްރެޓަރީ ޖެނެރަލް ކުށްވެރިކުރައްވައިފި

އިސްރާއީލުން ލުބުނާނުގެ އެކި ސަރަހައްދުތަކަށް ބުދަ ދުވަހު ދިން ވަރުގަދަ ހަމަލާތަކުގައި އެތައް ސަތޭކަ އާންމުންނެއް މަރުވެ، ގިނަ ބަޔަކު ޒަހަމްވުމާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އާންމުންގެ ފުރާނަ ގެއްލެމުންދާ ދިއުން ސެކްރެޓަރީ ޖެނެރަލް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި، އަދި އާންމުންނަށް ލިބެމުންދާ ގެއްލުންތައް އިތުރުވަމުންދާތީ އެކަމާ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ލުބުނާނުގައި މިހާރު ހިނގަމުންދާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން އެމެރިކާ އާއި އީރާނާ ދެމެދު އޮތް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް ގުޓަރޭޒް ވަނީ އިންޒާރު ދެއްވާފައެވެ. މީގެ އިތުރުން، ހުރިހާ ފަރާތްތަކަކުން ވެސް މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

މި މައްސަލައާ ގުޅޭގޮތުން ނެރުނު ބަޔާން ނިންމާލަމުން އދ. އިން ބުނެފައިވަނީ، "މި ހަމަަނުޖެހުމަށް އަސްކަރީ އެއްވެސް ހައްލެއް ނެތް" ކަމަށެވެ. މަޝްރަހު އިތުރަށް ގޯސްވަމުންދާތީ، ބައިނަލްއަގުވާމީ މުޖުތަމައުން މިކަމަށް ސަމާލުވުމަށް ވެސް އދ. އިން ވަނީ އިލްތިމާސްކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *