ބަންގްލަދޭޝްގައި ހިމަބިހި (މީސަލްސް) ހަލުވިކަމާއެކު ފެތުރެމުންދާތީ، އެ ބަލިން ރައްކާތެރިވުމަށްޓަކައި އެއް މިލިއަނަށްވުރެ ގިނަ ކުޑަކުދިންނަށް އަމާޒުކޮށްގެން ޚާއްޞަ ވެކްސިން ކެމްޕޭނެއް ފަށައިފިއެވެ. މި ބަލިމަޑުކަމުގައި ފާއިތުވި ތިން ހަފުތާގެ ތެރޭގައި އެކަނިވެސް 98 ކުޑަކުދިން މަރުވެފައިވާ ކަމަށް ބެލެވޭއިރު، މިއީ ފަހުގެ ތާރީޚެއްގައި އެ ގައުމުގައި މި ބަލި މިހާ ބާރަށް ފެތުރޭ ފުރަތަމަ ފަހަރެވެ.
ބަންގްލަދޭޝްގެ ހެލްތު މިނިސްޓްރީން އާދިއްތަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ހިމަބިހީގެ އަލާމާތްތައް ހުރެގެން ރިޕޯޓުކުރި 6 މަހާއި 5 އަހަރާ ދެމެދުގެ ކުދިންގެ އަދަދު ވަނީ 6,476 އަށް އަރާފައެވެ. ޖުމްލަ ގޮތެއްގައި 7,500 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭއިރު، މިހާތަނަށް 17 ކުއްޖަކު މަރުވެފައިވާކަން ވަނީ ރަސްމީކޮށް ކަށަވަރު ކުރެވިފައެވެ. އަދި އިތުރު 113 މީހެއްގެ މަރުގެ މައްސަލަ މި ބައްޔާ ގުޅުންހުރިތޯ ބަލަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމިއުނިކަބަލް ޑިޒީޒް ކޮންޓްރޯލްގެ ޑިރެކްޓަރު ހަލީމުއްރަޝީދު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، "ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ބަލިޖެހޭ ކުދިންގެ އަދަދާއި މަރުވާ ކުދިންގެ އަދަދުވެސް މިފަހަރު އިތުރު" ކަމަށެވެ. ބަލި ފެތުރެން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ވެކްސިންގެ ދަތިކަން ކުރިމަތިވުން ހިމެނޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ކެންޕޭނަކީ ބަންގްލަދޭޝްގެ ޞިއްޙީ ވުޒާރާއާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތައް ގުޅިގެން، ބަލީގެ ނުރައްކާ އެންމެ ބޮޑު 18 ޑިސްޓްރިކްޓެއްގައި ކުރިއަށްގެންދާ ހަރަކާތެކެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގު ރަހުމާން ވަނީ މި ހާލަތު ވަޒަންކޮށް، މަސައްކަތްތައް ވިލަރެސްކުރުމަށް ދެ ވަޒީރަކަށް އަމުރުކުރައްވާފައެވެ. މިހާރު މި ބަލި އެ ގައުމުގެ 56 ޑިސްޓްރިކްޓަކުން ފެނިފައިވާއިރު، ހަސްފަތާލުތައް ވަނީ ބަލިމީހުންނާއެކު ތޮއްޖެހިފައެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (WHO) އިން ހާމަކުރާ ގޮތުގައި، ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. މިއީ ކެއްސުމާއި ކިނބިހި އެޅުމުގެ ތެރެއިން ފެތުރޭ ބައްޔަކަށްވާއިރު، ކުޑަކުދިންގެ މެދުގައި މި ބަލީގެ ނުރައްކާ ބޮޑެވެ. މި ބަލީގެ ސަބަބުން ސިކުނޑި ދުޅަވުމާއި ނޭވާލާ ނިޒާމަށް ސީރިއަސް މައްސަލަތައް ކުރިމަތިވުން ފަދަ ނުރައްކާތަކާ ކުރިމަތިލާންޖެހެއެވެ.
ބަންގްލަދޭޝްގައި މީގެ ކުރިން އެންމެ ގިނައިން ހިމަބިހި ފެނިފައިވަނީ 2005 ވަނަ އަހަރުއެވެ. އެ އަހަރު 25,934 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ފަހުން ބަލިޖެހޭ މިންވަރު ދަށްވެފައި އޮތުމަށްފަހު، މިއަހަރު އަނެއްކާވެސް މިވަނީ ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް މިހާރު ފަށާފައިވާ ޚާއްޞަ ވެކްސިން ކެންޕޭނާއެކު ބަލި ފެތުރުން ކޮންޓުރޯލު ކުރެވޭނެ ކަމަށް ޞިއްޙީ މާހިރުން އުންމީދު ކުރައްވައެވެ.


