ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި އެވެ.
ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހަކީ 'ބައިނަލްއަޤްވާމީ ތަރައްޤީއާއި ސުލްޙައަށްޓަކައި ކުޅިވަރު' މި ނަމުގައި ފާހަގަކުރާ ހާއްސަ ދުވަހެކެވެ. މިއަހަރުގެ ތީމަކީ 'ސްޕޯޓްސް: ބިލްޑިން ބްރިޖަސް، ބްރޭކިން ބެރިއާސް" އެވެ. މިއަދުގެ މުނާސަބާގައި ރައީސް ޑރ މުޢިއްޒު ވަނީ ކުޅިވަރަކީ ހަމައެކަނި ހަރަކާތެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެއީ މުޅި އުމުރަށް ދެމިގެންދާ ކާމިޔާބީއާއި، ސުލްހައާއި، އެކުވެރިކަން އާލާކޮށްދޭ ވަސީލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިލްތިމާސްކުރައްވާފައެވެ.
ތަރައްގީ އާއި ސުލްހައަށްޓަކައި ފާހަގަކުރާ ބައިނަލްއަގުވާމީ ކުޅިވަރު ދުވަހުގެ މުނާސަބަތުގައި އާއްމުކުރެއްވި ހާއްސަ މެސެޖުގައި، ކުޅިވަރަކީ އެއްވެސް ހުރަހެއް ނެތި އެންމެން ގުޅުވައިދޭ ވަސީލަތެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުޅިވަރަކީ ގައުމީވަންތަކަމުގެ މުހިންމު ތަނބެއްކަމަށާއި، އެއީ ޒުވާނުން ބާރުވެރިކުރުވައި، އިޖުތިމާއީ ބަދަހިކަން ވަރުގަދަކޮށްދޭ އެންމެ މުހިންމު އެއް ބާރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، "ކުޅިވަރާއި އޭގެ ރީތި އުޞޫލުތައް ބަލައިގަނެ، އަޅުގަނޑުމެންގެ ޒުވާނުންގެ ކިބައިގައި އަޚްލާޤާއި، ސާބިތުކަމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫޙާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ސިފަ އަށަގަންނުވަންޖެހެއެވެ." މިއީ ޒުވާނުންނަކީ ދުޅަހެޔޮ، މާނަހުރި ދިރިއުޅުމެއް އުޅޭ، އަދި ގައުމީ ތަރައްގީގައި ހިއްސާވާ ބަޔަކަށް ހެދުމަށް މަގުފަހިވާނެ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްތުވާތަކެއްޗާއި، ކޮރަޕްޝަން އަދި ހަރުކަށި ފިކުރު ފަދަ އިޖުތިމާއީ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ކުޅިވަރަކީ ބާރުގަދަ ވަސީލަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ކުޅިވަރުގެ ގާނޫނު ހަރުދަނާކުރުމާއި، ސްޕޯޓްސް ޑިވެލޮޕްމަންޓް ފަންޑު ގާއިމުކުރުމާއި، އަދި ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އިސްނެގުމުގެ ދަށުން ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ފުޅާކުރުމާއި، 'އަރުތަ' އިންޓަނޭޝަނަލް ސްކޮލަރޝިޕް ތައާރަފުކުރުމާއި، އަދި ޖިންސީ ތަފާތުކުރުމެއް ނެތި ގައުމީ އެތުލީޓުންގެ މުސާރަ ބޮޑުކުރުން ފަދަ މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. މިކަންކަމަކީ ކުޅިވަރުގެ މުޖުތަމައު ވަރުގަދަކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ދުޅަހެޔޮ، އެކުވެރި އަދި އުފާވެރި ގައުމެއް ބިނާކުރުމަށްޓަކައި ކުޅިވަރުގެ ބާރު ބޭނުންކުރުމަށް ސަރުކާރުން ދޭ އެއްބާރުލުން ފާހަގަކުރައްވާފައެވެ.


