އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަޅުއްވަމުންދާ "ޒިންމާދާރުކަން ކުޑަ ފިޔަވަޅުތަކުގެ" ސަބަބުން މުޅި މެދުއިރުމަތީގެ ސަރަހައްދު އަނދައިގެން ހިނގައިދާނެ ކަމުގެ އިންޒާރު އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ދެއްވައިފިއެވެ.
އާދީއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާލިބާފް ވިދާޅުވީ، ޓްރަމްޕްގެ މި އަމަލުތަކުގެ ސަބަބުން އެމެރިކާގެ ކޮންމެ އާއިލާއަކަށް ނަރަކައެއް ފަދަ ބިރުވެރި ހާލަތަކަށް އެމެރިކާ ވެއްޓެމުންދާ ކަމަށެވެ. އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރުތަކަށް ތަބާވުމަށް ޓްރަމްޕް ބާރުއަޅުއްވާތީ، އޭގެ ނަތީޖާއެއްގެ ގޮތުން މުޅި ސަރަހައްދުގައި އަލިފާން ރޯވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ތިޔަބޭފުޅުންގެ ޒިންމާދާރުކަން ކުޑަ ހަރަކާތްތަކުގެ ސަބަބުން އެމެރިކާގެ ކޮންމެ އާއިލާއަކަށް ދިރިހުއްޓާ ނަރަކައަކަށް އެ ގައުމު އެބަ ގެންދެވޭ، އަދި ނަތަންޔާހޫގެ އަމުރުތަކަށް ތަބާވުމަށް ތިޔަބޭފުޅުން ބާރުއަޅާތީ މުޅި ސަރަހައްދު މިދަނީ އަނދަމުން،" އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓުގައި ގާލިބާފް ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން ގާލިބާފް ވިދާޅުވީ މި މައްސަލައަށް އޮތް ހަމައެކަނި ހަގީގީ ހައްލަކީ އީރާނުގެ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމް ކުރުން ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ނުރައްކާތެރި ކަންތައްތައް ހުއްޓާލުމަކީ ސަރަހައްދުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.


