އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލާ ގުޅިގެން ފެބުރުވަރީ 28 ވަނަ ދުވަހުން ފެށިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އެ ޤައުމުގެ ތަޢުލީމީ މަރުކަޒުތަކަށް އަމާޒުކޮށްދޭ ޙަމަލާތައް ވަރުގަދަކޮށްފިއެވެ. މިގޮތުން އީރާނުގެ ތެހެރާންގައި ހުންނަ ޝަހީދު ބެހެޝްތީ ޔުނިވަރސިޓީގެ ލޭޒަރ އެންޑް ޕްލާޒްމާ ރިސާޗް އިންސްޓިޓިއުޓަށް އެމެރިކާ އާއި އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ބޮމުގެ ހަމަލާދީ އެތަން ވަނީ މުޅިން ސުންނާފަތިކޮށްލާފައެވެ.
މި ހަމަލާދިން ވަގުތު ކްލާސްތައް އޮންލައިންކޮށް ކުރިއަށްދާތީ ޔުނިވަރސިޓީގައި މީހުން ނެތުމުން އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ޔުނިވަރސިޓީގެ ކައިރީގައި ހުރި ދަނާލުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މީގެ އިތުރުން ތެހެރާންގެ ސައިންސް އެންޑް ޓެކްނޮލޮޖީ ޔުނިވަރސިޓީގެ ސެޓެލައިޓް އުފައްދާ މަރުކަޒަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
އީރާނުގެ ސައިންސާއި ޓެކްނޮލޮޖީއާ ބެހޭ ވަޒީރު ޙުސައިން ސީމާޔީ ޞަރާފް ވިދާޅުވި ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އީރާނުގެ 30 އަށްވުރެ ގިނަ ޔުނިވަރސިޓީއަށް ވަނީ ހަމަލާދީފައެވެ. އޭނާ މި ހަމަލާތައް ސިފަކުރެއްވީ "ގައުމު ހިލަ ޒަމާނަށް ފޮނުވާލުމަށް ކުރާ މަސައްކަތެއްގެ" ގޮތުގައެވެ. އަދި މި ޙަމަލާތަކުގެ މައިގަނޑު މަޤްޞަދަކީ އީރާނުގެ ޢިލްމީ ޤާބިލުކަން ނައްތައިލުން ކަމަށާއި، މި ހަނގުރާމައިގައި އީރާނުގެ މުހިންމު ސައިންޓިސްޓުންނާއި ނިއުކްލިއަރ މާހިރުން ޝަހީދުކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ތަޢުލީމީ ދާއިރާގެ އިތުރުން، އީރާނުގެ ސިއްޙީ ނިޒާމަށް އަމާޒުކޮށްވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެގޮތުން ވެކްސިން އުފައްދާ ޕާސްޗަރ އިންސްޓިޓިއުޓަށާއި، ބޭސް އުފައްދާ ކުންފުނިތަކުގެ އިތުރުން ސައިކިއޭޓްރިކް ހޮސްޕިޓަލަކަށްވެސް ވަނީ ހަމަލާދީފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) އިން ހާމަކުރި ގޮތުގައި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އީރާނުގެ ސިއްޙީ މަރުކަޒުތަކަށް 20 އަށްވުރެ ގިނަ ހަމަލާ ވަނީ އަމާޒުވެފައެވެ.
އިސްރާއީލުން ބުނަމުންދަނީ ބައެއް ކުންފުނިތަކަކީ ކެމިކަލް ހަތިޔާރު އުފެއްދުމާ ގުޅުންހުރި ތަންތަން ކަމަށެވެ. ނަމަވެސް އީރާނުން މިކަން ދޮގުކުރެއެވެ. ޔުނިވަރސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މި ހަމަލާތަކަކީ ބުއްދިއާއި، ދިރާސާކުރުމާއި، ފިކުރުގެ މިނިވަންކަމަށް ދިން ހަމަލާތަކެއް" ކަމަށެވެ. މި ހަނގުރާމައިގައި މިހާތަނަށް 2,076 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އީރާނުގެ އިޤުތިޞާދަށް ދަތިކުރުމުގެ ގޮތުން ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި، ބުރިޖުތަކާއި، އިންޖީނުގެތަކަށް ވެސް ދަނީ މެދުނުކެނޑި ޙަމަލާތައް އަމާޒުކުރަމުންނެވެ.


