މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް ރިޓަޔާޑް މޫސާ އަލީ ޖަލީލު ވޯޓު ލައްވައިފިއެވެ. މޫސާ ޖަލީލު ވޯޓު ލައްވާފައިވަނީ ކަލާފާނު ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓަށެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވެސް ވަނީ ވޯޓު ލައްވާފައެވެ. ރައީސް ވޯޓު ލައްވާފައިވަނީ ތާޖުއްދީން ސްކޫލަށެވެ. އަދި މެޑަމް ސާޖިދާ ވޯޓު ލައްވާފައިވަނީ އަމީނިއްޔާ ސްކޫލަށެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 2,961 ކެންޑިޑޭޓުން ވާދަކުރެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,876 މީހުންނަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 150,370 ފިރިހެނުންނާއި 144,506 އަންހެނުންނެވެ.


