Tuesday, 28 July 2026

އިންޑިއާގެ އައިސީސީއާރު ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) އިން ދިވެހި ދަރިވަރުންނަށް ދޭ "އެއިޑް ޓު މޯލްޑިވްސް ސްކީމް" ގެ ދަށުން 2026/2027 ވަނަ އަހަރުގެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.

މި ސްކޮލަޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އެޕްރީލް 2025 ވާ ބުދަ ދުވަހުގެ ކުރިން އައިސީސީއާރުގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ https://a2ascholarships.iccr.gov.in ވެބްސައިޓް މެދުވެރިކޮށެވެ.

މި ކޯސްތަކަށް ހޮވޭ ފަރާތްތަކުން ކޯހަށް ފުރުމުގެ ކުރިން، އެ ކޯހެއް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ގަބޫލުކުރާ މަރުކަޒެއްތޯ ކަށަވަރުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާތަކުން ކޯސް ފުރިހަމަކުރާ ފަރާތްތަކުން، އެ ކޯހަކީ ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ ކޯހެއްކަން ކަށަވަރުކުރަންޖެހޭނެއެވެ.

މިގޮތުން ހެލްތް ދާއިރާގެ ކޯސްތައް ހަދާ ފަރާތްތަކުން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، ނާސިންގ ކައުންސިލް ނުވަތަ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ފަދަ އިދާރާތަކުން ގަބޫލުކުރާ ކޯހެއްކަން ބަލަންޖެހޭނެއެވެ. އަދި އޭވިއޭޝަން ދާއިރާގެ ކޯސްތައް ނަމަ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ އޮތްތޯ ބެލުމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.

މި ސްކޮލަޝިޕާ ގުޅޭ އިތުރު ތަފްސީލާއި ކުރިމަތިލެވޭނެ ދާއިރާތަކުގެ މަޢުލޫމާތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *