ކާންދިނުމަށް ބޭނުންކުރާ ޕީއީޖީ ޓިއުބެއް ހޯދުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި އެދި އެތައް މަހެއް ވަންދެން ކުރި މަސައްކަތަށްފަހު، އެ ތަކެތި ނުލިބި ކުއްޖަކު މަރުވިކަމަށް ބުނާ މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކު އިއްޔެ މަރުވީ އެންސްޕާ އިން ފީޑިން ޓިއުބެއް ނުލިބި އަށް މަހެއްހާ ދުވަސް ހޭދަވެގެން ކަމަށް އާއިލާ އިން ބުނާ މައްސަލަ ހެލްތު މިނިސްޓްރީ އާއި ކަމާބެހޭ އިދާރާތަކުން ބަލަން ފަށައިފި އެވެ.
އާއިލާ އިން ފޭސްބުކްގައި ލިއެފައިވާ ގޮތުގައި، ސްޕޭސްޓިކް ކުއަޑްރިޕްލެޖިކް ސެލެބްރަލް ޕަލްސީ ހުންނަ ހަ އަހަރުގެ އިބްރާހިމް އަޒާން ސުހެއިލަށް ކާންދެވޭ ހަމައެކަނި މަގަކީ ހޮޅިކޮޅެއް ނުވަތަ ފީޑިން ޓިއުބެއް މެދުވެރިކޮށެވެ. އެ ހޮޅިކޮޅު އެސްޓީއޯ މެދުވެރިކޮށް ގެންނަން އާސަންދައިގައި އެދިގެން އަށް މަސްވި އިރު ވެސް ނުލިބުނު ކަމަށް އެ ޕޯސްޓުގައި ވެ އެވެ.
ހާދިސާއާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ކަމާބެހޭ މުއައްސަސާތަކަށް އަމާޒުވެފައި ވަނިކޮށް، ހެލްތު މިނިސްޓްރީން މިއަދު ވަނީ އެ މައްސަލަ ބަލަމުންދާކަން ހާމަކޮށްފައެވެ.
"25 މާރިޗް 2026 ގައި މ. ޗީޒް, އިބްރާހީމް އަޛާން ސުހައިލް ނިޔާވި ހާދިސާ މި ވުޒާރާއިން ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން ދަނީ ބަލަމުންނެވެ," ހެލްތު މިނިސްޓްރީން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެސްޓީއޯ އިން ވިދާޅުވީ އެ ހޮޅި ލިބުން ލަސްވި ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށެވެ.
އަޒާންގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ ބަލަމުންނެވެ.


