މާލެ ވިޔަފާރި ބަނދަރުން ދެމުންދާ ހިދުމަތްތަކާއި އެ ބަނދަރުގެ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރަން ފަށައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކުރި ޕޯސްޓެއްގައި ބުނީ މިއަދަކީ މާލޭ ވިޔަފާރި ބަނދަރުން ތިލަފުށްޓަށް އޮޕަރޭޝަންތައް ބަދަލުކުރުމުގެ މަސައްކަތް ފެށިގެންދާ، އެމްޕީއެލްއަށް ވަރަށް ހާއްސަ އަދި މުހިންމު ދުވަހެއް ކަމަށެވެ.
މި ބަދަލުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ކަނޑުމަގުން ގެންނަ ކްލިއާކޮށްފައިވާ އެފް.ސީ.އެލް ކޮންޓޭނަރުތައް ތިލަފުށި ކާގޯ ޓާމިނަލް އިން ބަލަހައްޓަން ވަނީ ފަށާފައެވެ. މި ގޮތުން، އަންސްޓްރިޕްކޮށް ހުރި ކޮންޓޭނަރުތައް ސީދާ އުޅަންދުފަހަރަށް ބާރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
ކައިރި މުސްތަގުބަލެއްގައި ކޮންޓޭނަރުތަކުން އަންލޯޑްކުރާ (ސްޓްރިޕްކުރާ) މުދާ ހޭންޑްލްކުރުމުގެ ހިދުމަތް ވެސް ފެށިގެންދާނެ ކަމަށް ބުންޏެވެ.
އޮޕަރޭޝަންތައް އެކީ ތިލަފުށްޓަށް ބަދަލުކޮށް ނިންމުމަށް އަމާޒު ހިފާފައިވަނީ 11 ނޮވެމްބަރު 2027 އަށެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ހަވާލުކޮށްފައިވަނީ ޗައިނާގެ ޗައިނާ ހާބާ އިންޖީނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އަށެވެ. އެއީ ޑިޒައިން އެންޑް ކޮންސެޕްޓް ތައްޔާރުކޮށް ފުރަތަމަ މަސައްކަތްތައް ކުރުމަށެވެ. އެ މަޝްރޫއުގައި 125 މީޓަރުގެ މަގަތުފާލަމަކާއި އަތޮޅުތަކަށް މުދާ އުފުލާ ބޯޓުތައް ގާތްކުރާނެ ސަރަހައްދަކާއި ކޮންޓެއިނަރުތައް ބަހައްޓާނެ ޖާގައާއި، ބަނދަރުގައި ހަރުކުރާ ކްރޭން ބެހެއްޓުމުގެ މަސައްކަތް ވެސް ހިނގާނެއެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިދިޔަ ފެބްރުއަރީގައެވެ.


