އިރާނުން އަރަބި ގައުމުތަކަށް ދެމުންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ރާއްޖެއިން މިހެން ބުނެފައިވަނީ، އދގެ ހިއުމަން ރައިޓްސް ކައުންސިލުގެ 61 ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އިރާނުން ގަލްފުގެ ޤައުމުތަކާއި ދެކޮޅަށް ދެމުންދާ ޙަމަލާއާއި ގުޅޭގޮތުން ބޭއްވި ކުއްލި ބައްދަލުވުމުގައެވެ.
ސްވިޒަލެންޑްގެ ޖެނިވާގަ ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ޑރ. ސަލްމާ ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި އާންމު ތަންތަނާއި، ޤައުމުތަކުގެ އަސްކަރީ ނޫން ހައްސާސް ތަންތަނަށް ހުރިހާ ފަރާތްތަކަކުންވެސް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރި ކުރާ ކަމަށް ވިދާޅުވެފައެވެ. މި ޙަމަލާތަކުގައި ކުށެން ނެތް މީހުން މަރުވަމުންދާކަން ފާހަގަކުރައްވާ ޑރ. ސަލްމާ ވިދާޅުވީ، މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އަދި އިންސާނީ ހައްޤުތަކާއި ބެހޭ ޤާނޫނޫތަކާއި ޚިލާފު އަމަލެއް ކަމަށެވެ.
އަދި އެމެރިކާއާއި އިސްރާއިލުން އިރާނަށް ދެމުންދާ ހަމަލާތައް ވެސް އެކަމަނާ ކުށްވެރިކުރެއްވިއެވެ.
އަދި މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓުވަން ބާރުއަޅަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ވެސް އެކަމަނާ ގޮވާލެއްވިއެވެ.


