މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން މީޑިއާތަކުން ގެނެސްދޭ ކޮންޓެންޓު ހެދުމުގައި ނޫސްވެރިންގެ ސްލޫކީ މިންގަނޑުތަކާ އެއްގޮތަށް ޒިންމާދާރުކާމައެކުގައި ހަބަރުތަައް ގެނެސްދިނުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ހަނގުރާމައެއްގެ ބިރުވެރި ދުވަސްތަކެއް ކަނޑައްތުކުރަމުންދާ މި ޚައްސާސް ދަނޑިވަޅުގައި، މީޑިއާތަކުން އެފަދަ ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭކަމަށެވެ.
އެގޮތުން މީޑިއާތަކުން މިފަދަ ހަބަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމުގައި، ހަވާލާދީފައިވާ ސުލޫކީ މިންގަނޑުގެ 5 ވަނަ މާއްދާ "ގައުމީ ސަލާމަތާއި ރައްކައުތެރިކަން ދެމެހެއްޓުން" އަދި 6 ވަނަ މާއްދާގެ (ކ) ގައި "ފެކްޗުއަލް ޕުރޮގުރާމުތަކުގައި އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓު ހިމެނުމުގައި އެ ފަރާތްތަކުން ދެއްކި ވާހަކައިގެ މަފުހޫމު ނުގެއްލޭ ގޮތަށް ގެނެސްދިނުން" ގައި ހުރި ކަންކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ވަނީ އަންގާފައެވެ. އެ ސުލޫކީ މިންގަނޑުގެ 14 ވަނަ މާއްދާގެ (ރ) ގައި "އަސްލާ އެއްގޮތް މެނިޕިއުލޭޓް ކޮށްފައިވާ އަދި ފެބްރިކޭޓް ކޮށްފައިވާ ފޮޓޯއާއި އޯޑިއޯ ވީޑިއޯ، ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުން ނުކުރުން" މި މައްދާތަކުގައި ބަޔާންކުރާ ކަންކަމަށް ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އަންގާފައެވެ.
އަދި އަސްލާއި އެއްގޮތް މެނިޕިއުލޭޓް ކޮށްފައިވާ އަދި ފެބްރިކޭޓް ކޮށްފައިވާ ފޮޓޯއާއި އޯޑިއޯ ވޯޑިއޯ ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުންނުކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި މީޑިއާތަކުން އެފަރާތްތަކުގެ ފަރުދީ ޒިންމާ، ޒިންމާދާރުކަމާއެކު އަދާކުރުމަށް ދިވެހި އެންމެހައި ނޫސްވެރިންނަށް ހަނދާންކޮށްދެއްވާފައިވެއެވެ.


