Tuesday, 28 July 2026

މިދިޔަ އަހަރު ތެޔޮ އެތެރެކުރަން 10 ބިލިއަން ރުފިޔާ ހަރަދުވި: ވަޒީރު ތޯރިގް

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މިއީ ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ނުވަތަ ޖީޑީޕީގެ ގާތްގަނޑަކަށް 10 އިންސައްތަ ކަމަށާއި، މިއީ ބޭރު ފައިސާއިން ކުރަންޖެހޭ ވަރަށް ބޮޑު ހަރަދެއް ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ހަކަތައިގެ ނިޒާމު ބިނާވެފައިވަނީ ވަރަށް ބޮޑަށް ތެލުގެ މައްޗަށެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓުތަކާއި އަދި ސިނާއީ މަސައްކަތް ކުރާ ރަށްރަށުގައިވެސް ކަރަންޓު އުފެއްދުމަށް ބޭނުންކުރަނީ ޑީސަލް ޖެނެރޭޓަރުތަކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި އެކަނިވެސް ދުވާލަކު 7،965 ފީފާގެ ޑީސަލް ބޭނުންކުރާއިރު، މިއީ އަހަރަކަށް ބަލާނަމަ ގާތްގަނޑަކަށް 2.9 މިލިއަން ފީފާގެ ޑީސަލެވެ.

ރާއްޖޭގެ ހަކަތައިގެ ކެޕޭސިޓީއަށް ބަލާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި 310 މެގަވޮޓު، ރިސޯޓުތަކުގައި 298 މެގަވޮޓު އަދި ސިނާއީ ރަށްތަކުގައި 30 މެގަވޮޓު ބޭނުންކުރެއެވެ. ވަޒީރު ވިދާޅުވީ ރިސޯޓުތަކުގައިވެސް ތެލަށް ކުރާ ހަރަދު ހުރީ މީހުން ދިރިއުޅޭ ރަށްރަށާ އެއްވަރެއްގައި ކަމަށާއި، މިއީ އިގްތިސާދީ ގޮތުން ބަލާއިރު ތެލަށް ބަރޯސާވެފައި އޮތް މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.

މި ބަރޯސާވުން ކުޑަކުރުމަށްޓަކައި ސަރުކާރުން ދަނީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ސަރުކާރުގެ މަޝްރޫއުތަކާއި، ސްޕެޝަލް އިކޮނޮމިކް ޒޯން (SEZ) ގެ ދަށުން ކުރިއަށްގެންދާ އިންވެސްޓްމަންޓްތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް ހިމެނެއެވެ. އަދި ހަކަތައިގެ މަގުޗާޓު މުރާޖައާކޮށް، ތެލަށް ކުރާ ހަރަދު ކުޑަކުރުމަށް ހާއްސަ އިސްތިރާޖީތަކެއް ކަނޑައަޅާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *