ބަލީގެ ނިސްބަތުން ޓިއުބަރކިއުލޯސިސް ނުވަތަ ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަހުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން، ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޓީބީ އަކީ ބަލިން ރައްކާތެރިވެ، ފަރުވާ ކުރެވޭނެ ބައްޔަކަށްވިއަސް ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އަދިވެސް އެ ބަލީގެ އަސަރު ކުރާ ކަމަށެވެ.
މި ބަލި ނައްތާލުމަށްޓަކައި ހަރުދަނާ ސިއްހީ ނިޒާމެއްގެ މުހިންމުކަމާއި، ބަލި ކުރިއާލާ ދެނެގަތުމުގެ އިތުރުން މުޖުތަމައުގެ ފުރިހަމަ ބައިވެރިވުން ބޭނުންވާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.
"ރާއްޖެއަކީ ޓީބީ ބަލި މަދު ގައުމަކަށްވުމާއި ދުރާލާ ބަލި ދެނެގަނެ، އަވަސް ފަރުވާއެއް ހޯދުމާއި ބަލި ދެނެގަތުމުގެ މަގު ފަހިކޮށްދީ، ބަލިން ރައްކާތެރިވުމުގެ ފުރުސަތު ފަހިކޮށްދޭ އަދި ބަލިން ސަލާމަތްވެފައިވާ އާބާދީއަށް ބޭނުންވާ ފަރުވާ ހަރުދަނާކަމާއެކު ފޯރުކޮށްދޭ ގައުމަކަށް ވާތީ ރާއްޖެއަކީ ފަހުރުވެރި ގައުމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.


