Tuesday, 28 July 2026

އަބްދުއްޝަކޫރު އަބްދުﷲ އަކީ މުޅި ހަޔާތުގައި ގައުމު އިސްކުރެއްވި އިހުލާސްތެރިއެއް: ރައީސް

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުއްޝަކޫރު އަބްދުﷲ އަކީ މުޅި ހަޔާތުގައި ގައުމު އިސްކުރެއްވި އިހުލާސްތެރިއެއް ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އުމުރުން 75 އަހަރުގައި ޝަކޫރު އަވަހާރަވީ ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޝަކޫރު އަވަހާރަވުމާ ގުޅިގެން މިއަދު ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމީ ދިފާޢީ ބާރާއި ފުލުހުންގެ ޚިދުމަތުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝަކޫރު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައަކާއެކު ކަމަށެވެ.

ރައީސް ވިދާޅުވީ ޝަކޫރަކީ ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރަން ހިތްވަރާ އެކު ޖިހާދުކުރެއްވި ބޭފުޅެއް ކަމަށެވެ.

އޭގެ އިތުރުން އެއީ ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި އިންތިޒާމުތައް ރަނގަޅު ކުރުމާއި މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމުގެ މަސައްކަތުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރު ހަރުދަނާ ދިވެހި ދަރިއެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

 

"ހިތާމައިގެ މި ވަގުތު، އެ ޢާއިލާއަށާއި ދިވެހި ސިފައިންނަށާއި ފުލުހުންނަށް ތަޢުޒިޔާ ދަންނަވަން. އަދި މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުއްޝަކޫރު ޢަބްދުﷲ ލެހެއްޓެވުން އެދި ހެޔޮ ދުޢާކުރަން." ރައީސް ވިދާޅުވެފައިވެއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޝަކޫރަކީ ސިފައިންގެ ތަފާތު ރޭންކުތަކުގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ފުރަތަމަ އަދާކުރެއްވީ، ސިފައިންގެ މީހެއްގެ ވަޒީފާއެވެ. އޭގެފަހުން، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ 4 ނަންބަރު ސަރުދާރު ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމާއި، ކެޕްޓަން ކަމާއި، މޭޖަރ ކަމުގެ ރޭންކް ފުރުއްވައިފައި ވެއެވެ. އެން.އެސް.އެސް.ގައި އެންމެފަހުން ހުންނެވީ، ލެފްޓިނަންޓް ކާނަލް ކަމުގެ ރޭންކުގައި، ސިފައިންގެ ސްޓާފް ބޯޑުގެ މެންބަރެއްގެ ގޮތުގައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *