ސަރުކާރުން ތައާރަފް ކުރުމަށް ނިންމާފައިވާ ޓެކްސީލައިން "މާލެ ޓެކްސީ"އަށް ހާއްސަ ހޮޓްލައިނެއް ކަނޑައަޅައިފިއެވެ.
އެމްޓީސީސީން ސަރުކާރުގެ ޓެކްސީ ލައިނަށް ގުޅުމަށް ތައާރަފުކޮށްފައިވާ ނަންބަރަކީ 1655 އެވެ. މީގެ އިތުރުން އެމްޓިސީސީން މިއަދު ވަނީ ސަރުކާރުގެ ޓެކްސީ ލައިންގެ ނަމާއި ނަމްބަރު ދައްކާލާފައެވެ. އެ ގޮތުން ސަރުކާރުގެ ޓެކްސީ ލައިން ދީފައިވާ ނަމަކީ މާލޭ ޓެކްސީއެވެ.
އެމްޓީސިސީން މިހާރު ގެންދަނީ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން އިންޓަވިއުގެ ބުރުތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އެމްޓީސީސީން އޭރު ބުނީ 407 ޑްރައިވަރުން އެ ހިދުމަތަށް ބޭނުންވާ ކަމަށާއި އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓްޓައިމްކޮށް މަސައްކަތްކުރާ ގޮތަށް ކަމަށެވެ
ސަރުކާރުން މި ހިދުމަތް ދޭން ނިންމާފައި ވަނީ އެޕްލިކޭޝަންއެއް މެދުވެރިކޮށެވެ. 24 ގަޑިއިރު ދޭ މި ހިދުމަތް ސީދާ ފަށާނެ ތާރީހެއް އަދި ނޭނގޭއިރު، މިކަމަށް ބޭނުން ކުރާނީ އިލެކްޓްރޯނިކް ވެހިކަލްކަން ފާހަގަކޮށްލަން ޖެހެއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޓެކްސީ ލައިނުގެ ހިދުމަތް ފަށާނެ ކަމަށް މީގެ ކުރިން ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ނަމަވެސް އެ ތާރީހުގައި ހިދުމަތް ފެށިފައެއް ނުވެއެވެ. އަދި ފަހުން މި ހިދުމަތް ފިތުރު އީދު ދުވަހު ފަށާނެކަމަށް އިއުލާންކޮށްފައިވީ ނަމަވެސް އަދި މި ހިދުމަތް ފެށިފައެއް ނުވެއެވެ.


