Tuesday, 28 July 2026

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ، ބިލް މިހާރު އޮތީ ފަހު މަރުހަލާގައި: ރައީސް

ރާއްޖޭގައި އަދުލުއިންސާފު ގާއިމްކުރުމަށްޓަކައި މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ކަމަށާއި، އެކަމާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރަމުންދާ ބިލް މިހާރު އޮތީ ފަހުގެ މަރުހަލާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަރުގެ އަދަބު ދިނުމަކީ މިއަދާ ހަމައަށް ވެސް ރާއްޖޭގައި ތަންފީޒުނުވެ އޮތް ކަމެއް ކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި އުސޫލަކުން ނުވަތަ ގަވައިދަކުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމަށްޓަކައި ހާއްސަ ގާނޫނީ އޮނިގަނޑެއް ބޭނުންވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލްގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހަޅާނެއެވެ.

"މިއީ އަޅުގަނޑު ހިތުން އަދުލުއިންސާފު ގާއިމްކުރުމަށްޓަކައި އަދި ސޯޝަލް ޖަސްޓިސް ގާއިމްކުރަން ކުރަންޖެހޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.

އިސްލާމީ ގައުމެއްގައި ހުރިހާ ޝަރުއީ މަރުހަލާއެއް ފުރިހަމަވެފައިވާ ހާލަތެއްގައި، މަރުގެ އަދަބު ތަންފީޒުނުކޮށް ހިފެހެއްޓުމަކީ ދައުލަތަކަށް އޮތް އިހުތިޔާރެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެކަން އެގޮތަށް ހިފެހެއްޓޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވެނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމި، ސުޕްރީމް ކޯޓުން އެ ހުކުމް ދެމެހެއްޓުމުންނެވެ. މިވަގުތު ވެސް ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ތިން މީހަކު އެބަތިއްބެވެ. ރައީސް ވިދާޅުވީ މަޖިލީހުން އެ ބިލް ފާސްކޮށް ތަސްދީގުކުރުމުން، ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ އެންމެންގެ މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *