ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން ބުނީ ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
މި ތަކެތީގެ ތެރޭގައި ހިމެނެނީ 5،370 ގްރާމްގެ ކެނަބިސް ފަތާއި، 6،590 ގްރާމްގެ ހަޝިޝް އޮއިލްއެވެ. އަދި މި މަސްތުވާތަކެތީގެ މަގުމަތީ އަގު 9.6 މިލިއަން ރުފިޔާއަށްވުރެ މަތިވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ވައިގެ މަގުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވާ އިރު، މި މަހުގެ 3 ވަނަ ދުވަހުވެސް ވަނީ ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 6.7 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފައެވެ.


