Tuesday, 28 July 2026

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ބުދަ ދުވަހު ހުޅުވާލަނީ

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި ހިނގާ ސެޕްޓެމްބަރު މަހުގެ 25 ވާ ބުދަ ދުވަހު ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމައިފިއެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އޮންނާނެ ކަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިއަހަރު އިނާމަށް ނަން ހުށަހެޅުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ އެ އޮފީހުގެ ’ފޯމު ހުށަހެޅުން' ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށެވެ. ފޯމު ހުށަހަޅާއިރު، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި އަހަރުވެސް ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު 39 ދާއިރާއަކުންނެވެ. އިނާމަށް އަމިއްލަ ފަރާތްތަކުން ނަން ހުށަހެޅުމުގެ އިތުރުން، އެހެން ފަރާތެއްގެ ނަން ހުށަހެޅުމާއި، ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ސީދާ ނަން ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ސަރުކާރުގެ އިދާރާތަކަށާއި މިނިވަން މުއައްސަސާތަކަށް ވެސް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވާލާނެއެވެ. އެ ފުރުސަތު ހުޅުވާލުމަށް މިހާރު ތާވަލުކޮށްފައިވަނީ މިއަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހަށެވެ.

ގައުމީ އިނާމަކީ އެކި ދާއިރާތަކުން ގައުމުގެ ތަރައްގީއަށާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދެމުން އަންނަ ޝަރަފުވެރި އިނާމެކެވެ. މިއަހަރުގެ އިނާމުތައް ދިނުމަށް ހަމަޖެހިފައިވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *