ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ހިނގި ނުރައްކާތެރި ހާދިސާގައި އެކެއްގެ އަތް ބުރިވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ވ. ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި އެ ލޯންޗުގައި ހަތް މީހުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފަސް ފިރިހެނަކާއި އިނގިރޭސި ވިލާތާއި ރަޝިއާގެ ދެ އަންހެނެކެވެ.
މިހާތަނަށް ތިލަވި މައުލޫމާތުތަކަށް ބަލާއިރު އެ އުޅަނދު ދުއްވަން އިނީ އިންޑިއާގެ މަހުޖަނު އަދި ރޭމަންޑް ގްރޫޕްގެ ވެރިޔާ ގޯތަމް ސިންގާނިއާ އެވެ. ހާދިސާގައި ދެ މީހަކު ވަނީ ގެއްލިފައެވެ.
އެ ހާދިސާގައި ގެއްލިގެން ހޯދަމުންދާ ދެ މީހުންގެ ތެރޭގައި އިންޑިއާގެ މޮޓޯ ސްޕޯޓްސްގައި މަޝްހޫރު ހަރީ ސިންގް ހިމެނޭ ކަމަށް ވެ އެވެ.
ފުލުހުން މިއަދު އާއްމުކުރި މި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ވ.އަތޮޅު ހޮސްޕިޓަލުގައެވެ. އެކްސިޑެންޓްގައި ލޯންޗްގައި ތިބި މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރުވެސް ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުންދާކަމަށް ފުލުހުން ބުންޏެވެ.
އަދި މި ހާދިސާގައި އެކެއްގެ އަތް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި ވަނީ އިންޑިއާއަށް ފުރުވާލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބަންޑުން ޖަހާލި ލޯންޗަކީ ގޯތަމްގެ ލަގްޒަރީ ޔޮޓް ޓީޓީ އަޝޭނާގައި ބޭނުންކުރާ ލޯންޗެކެވެ. ގޯތަމްއަކީ އާންމުކޮށް ރާއްޖެ އަށް ޗުއްޓީ ހޭދަކުރައްވަން ވަޑައިގަންނަވާ ބޭފުޅެކެވެ.


