ޖުމަލް ހަތް މީހުންނާއެކު ވ. ފެލިދޫ ކައިރިއިން ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެ މީހުން އަދިވެސް ފެނިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ވ. ފެލިދޫ ކައިރިން ދަތުރު ކުރަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު އިންޑިއާގެ ދެ މީހުން އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވ. ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި އެ ލޯންޗުގައި ހަތް މީހުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފަސް ފިރިހެނަކާއި އިނގިރޭސި ވިލާތާއި ރަޝިއާގެ ދެ އަންހެނެކެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ ދެ މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. ގެއްލުނު ދެ މީހުން ހޯދުމަށް ކަނޑުމަތީގެ އުޅަނދުފަހަރު ބޭނުންކޮށްގެން އެ ސަރަހައްދުގައި ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެ ހާދިސާގައި ގެއްލިގެން ހޯދަމުންދާ ދެ މީހުންގެ ތެރޭގައި އިންޑިއާގެ މޮޓޯ ސްޕޯޓްސްގައި މަޝްހޫރު ހަރީ ސިންގް ހިމެނޭ ކަމަށް ވެ އެވެ.
އެ ލޯންޗުގައި އިންޑިއާގެ ބިލިނިއަރު، ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާ ވެސް ދަތުރުކުރިއިރު އޭނާ އަށް ވެސް ފަރުވާދީ މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ރޭ ބުންޏެވެ.


