ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން، ދެ ގައުމުގެ އޭވިއޭޝަން އޮތޯރިޓީތަކުގެ މެދުގައި މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އެއަރޮނޮޓިކަލް އޮތޯރިޓީތަކުން ދެ ގައުމުގެ ދެމެދުގައި "ބައިލެޓްރަލް އެއާ ސާވިސަސް އެގްރީމަންޓް"އެއް ގާއިމުކުރުމަށް އެމްޔޯޔޫއެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ކުރުމުގައި ގާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހުރި ހުރަސްތައް މި އެއްބަސްވުމާއެކު ނިމުމަކަށް އައިސް، ދެ ގައުމުގެ އެއާލައިންތަކަށްވެސް ސީދާ ދަތުރުތައް އޮޕަރޭޓްކުރުމުގެ މަގު ވަނީ ފަހިވެފައެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ވިޔަފާރިއަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
އޮސްޓްރޭލިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެކަނިވެސް އޮސްޓްރޭލިއާއިން 42,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އޮސްޓްރޭލިއާ މާކެޓަކީ އާންމުގޮތެއްގައި ގިނަ ދުވަހު ރާއްޖޭގައި މަޑުކުރާ، އަދި އިގުތިސާދަށް އޭގެ ސަބަބުން ބޮޑު މަންފާއެއް ކުރާ މާކެޓެއްކަން ފާހަގަކޮށްލެވެއެވެ.


