އިސްރާއީލުން އީރާނުގެ ސައުތު ޕާސް ގޭސްފީލްޑަށް ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، އީރާނުން ގަލްފުގެ ބައެއް ގައުމުތަކުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކާއެކު މުޅި ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު އީރާނުން ވަނީ ގަތަރުގެ ރަސް ލައްފާން ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) މަރުކަޒަށް ހަމަލާދީފައެވެ. މީގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ސައުދީ އަރަބިއްޔާގެ ހަކަތަ އުފައްދާ އިންފްރާސްޓްރަކްޗާތަކަށްވެސް އީރާނުން ވަނީ ހަމަލާ އަމާޒުކޮށްފައެވެ. މި ހަމަލާތަކަކީ ފެބްރުއަރީ 28 ގައި ފެށުނު ހަމަލާތަކުގެ ތެރެއިން، އިސްރާއީލުން އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ޚާތިބު އަވަހާރަކޮށްލުމާއި ސައުތު ޕާސް ގޭސްފީލްޑަށް ދިން ހަމަލާއަށްފަހު ދިން ހަމަލާތަކެކެވެ.
މި ހަމަލާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި އީރާނަށް ވަރުގަދަ އިންޒާރެއް ދީފައެވެ. ޓްރަމްޕް ވިދާޅުވީ އީރާނުން ގަތަރަށް ހަމަލާދިނުން ހުއްޓާނުލައިފިނަމަ، އީރާނުގެ ސައުތު ޕާސް ގޭސްފީލްޑް އެއްކޮށް "ގޮއްވާލާނެ" ކަމަށެވެ. ނަމަވެސް، އިސްރާއީލުން ސައުތު ޕާސްއަށް ދިން ހަމަލާއާ އެމެރިކާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"މިފަދަ ބޮޑު ސުންޕާކަމަކަށް ހުއްދަދޭކަށް އަޅުގަނޑު ބޭނުމެއް ނޫން، އެކަމަކު ގަތަރުގެ އެލްއެންޖީއަށް އަލުން ހަމަލާދީފިނަމަ އެކަން ކުރަން ފަސްނުޖެހޭނަން،" ޓްރަމްޕް ބުނެފައިވެއެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން އެލްއެންޖީ އެކްސްޕޯޓްކުރާ ގަތަރުން ބުނީ، އީރާނުގެ ބެލިސްޓިކް މިސައިލް ހަމަލާގެ ސަބަބުން ރަސް ލައްފާން ކޮމްޕްލެކްސްގައި ތިން ތަނެއްގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ގަތަރުން ވަނީ އީރާނުގެ ސެކިއުރިޓީ އަދި މިލިޓަރީ އެޓޭޗޭއިން 24 ގަޑިއިރު ތެރޭގައި ގައުމުން ބޭރުވުމަށް އަންގާފައެވެ.
ޔޫއޭއީގެ އަބޫދާބީ މީޑިއާ އޮފީހުން ބުނި ގޮތުގައި، ހަބްޝާން ގޭސް ފެސިލިޓީއާއި ބާބް ތެޔޮ މަރުކަޒަށް މިސައިލްގެ ބައިތައް ވެއްޓި ހާދިސާތަކެއް ހިނގާފައިވާތީ އެ ތަންތަން މިހާރު ވަނީ ބަންދުކޮށްފައެވެ. ސައުދީ އަރަބިއްޔާއިން ބުނީ ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ހަތަރު ބެލިސްޓިކް މިސައިލެއް ނައްތާލާފައިވާ ކަމަށެވެ. މީގެ އިތުރުން ކުވެއިތާއި ބަހްރޭނަށްވެސް ހަމަލާދީފައިވާ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފައެވެ.


