މާލޭ މާފަންނު، އިއްޒުއްދީންމަގާއި ފުލޫނިޔާމަގު ގުޅުނު ކަންމަތީގައި ހުންނަ "ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ސިފައިންގެ މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި ހާދިސާ އާއި ގުޅޭ މައުލޫމާތު ހާމަކުރުމަށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 21:57 އެހައިކަންހާއިރު ކަމަށް ބުނެފައެވެ.
އަދި ހާދިސާގެ ރިޕޯޓް ލިބުމާއެކު، ފުލުހުންނާއި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު، ސިފައިންނާއި ފުލުހުން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާކަމަށް ބުނެފައިވެއެވެ.
އަދި މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު އެމް.އެން.ޑީ.އެފްގެ ސިފައިންގެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެފައިިވެއެވެ.
މުދަލަށާއި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް
ފުލުހުން ބުނިގޮތުގައި އަލިފާން ރޯވި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސްގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންކުރާ ތަފާތު ސާމާނާއި ޖަނަރޭޓަރެއް ހުރި ތަނެކެވެ. މި ހާދިސާގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ގުދަން ކައިރީގައި ޕާކުކޮށްފައި ހުރި 13 ސައިކަލަކަށާއި، ޕިކަޕަކަށާއި، ކުންފުނީގެ ވޭނަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި، ގުދަނުގައި ހުރި ކެމިކަލްތަކުގެ ސަބަބުން އުފެދުނު ނުރައްކާތެރި ދުމުގެ އަސަރު ކޮށްފާނެތީ، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކު ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިހާރު ގެންދަނީ ހާދިސާ ހިނގި ސަރަހައްދު (ސީން) ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ވަނީ ހާއްސަ ތަހުގީގެއް ފަށާފައެވެ.


