މި އަހަރުގެ ރޯދަމަހުގެ 30 ވަނަ ދުވަހަކީ މާދަމާ ކަމަށާއި، ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ އިއުލާންކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި މިރޭ ބޭއްވި ހަނދު ސާބިތުކުރުމުގެ ރަސްމިއްޔާތުގައި އިއްވި ހަނދާ ބެހޭ ބަޔާނުގައި ބުނީ، އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލުމަހުގެ ހަނދު ފެނިފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ވެސް ހަނދު ފެނިފައި ނުވާތީ، ޝަރުއީ ހަމަތަކުން މި އަހަރުގެ ރޯދަމަހުގެ އެންމެ ފަހު ދުވަހަކީ މާދަމާ ކަމަށް ވަނީ ނިންމާފައެވެ.
މި ނިންމުމާއެކު، މި އަހަރުގެ ފިތުރު އީދު ދުވަހަކީ މާޗު މަހުގެ 20 ވާ ހުކުރު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މިއީ މި އަހަރުގެ ކަލަންޑަރުގައި ވެސް ފިތުރު އީދު ދުވަހުގެ ގޮތުގައި ކުރިން ކަނޑައަޅާފައިވާ ތާރީޚެވެ.
ރާއްޖޭގެ އިތުރުން އިސްލާމީ ބޮޑެތި ގައުމުތަކުން ވެސް ވަނީ މިގޮތަށް ނިންމާފައެވެ. އެގޮތުން ސައުދީ އަރަބިއްޔާއަށް ވެސް މިރޭ ހަނދު ފެނިފައި ނުވާތީ، އެ ގައުމުން ވެސް ވަނީ މާދަމާއަކީ ރޯދަމަހުގެ 30 ވަނަ ދުވަސް ކަމަށާއި އީދު ދުވަހަކީ ހުކުރު ދުވަސް ކަމަށް ރަސްމީކޮށް އިއުލާންކޮށްފައެވެ.


