ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާނެ ގޮތުގެ ފްރޭމްވޯކެއް ކަނޑައަޅައި، އެކަމާ ގުޅޭ ލިޔެކިޔުންތަކުގައި ސޮއިކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އިންޑިއާގެ ކޮމާސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައެވެ.
އިންޑިއާގެ ކޮމާސް މިނިސްޓްރީން ބުނީ އެ ގައުމުގެ ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމަށް ހަ ގައުމަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. ރާއްޖެއާއެކު ހަދާ އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށްގެންދާނެ ދާއިރާތަކާއި އުސޫލުތައް ހިމެނޭ ’ޓާމްސް އޮފް ކޮންޑިޝަންސް' (ޓީއޯއައި) ގައި މިހާރު ވަނީ ސޮއިކޮށްފައެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމަށް މަޝްވަރާކުރުމަށް އެއްބަސްވެފައިވަނީ، މިދިޔަ އަހަރުގެ ޖުލައި 25 ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އޭގެ ފަހުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވެސް ދެ ގައުމުގެ ލީޑަރުން ވަނީ މި އެއްބަސްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވަނީ، ދުނިޔޭގެ ބޮޑެތި ބާޒާރުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދުމަކީ ރައީސް މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި މިފަދަ އެއްބަސްވުންތައް އެކުލަވާލާނީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމަށް އައީ 'އިންޑިއާ އައުޓް' ކެމްޕޭނާއެކު ނަމަވެސް، ފަހަކަށް އައިސް އިންޑިއާއާއެކު އޮތް ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ބޮޑުވަޒީރު މޯދީގެ ދަތުރުފުޅުގައި 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ހިމެނޭހެން މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.


