Tuesday, 28 July 2026

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ޖަޕާނުން ރިޒާވް ތެޔޮ ދޫކުރަން ފަށައިފި

އީރާނާއެކު ކުރެވެމުންދާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތިން ތެޔޮ އުފުލާ ޓޭންކަރުތަކަށް ހުރަސްތަކެއް ކުރިމަތިވަމުންދާތީ، ތެލުގެ ސަޕްލައި ހަމައަކަށް އެޅުވުމަށްޓަކައި ޖަޕާނުގެ އަމިއްލަ ކުންފުނިތަކުން ރައްކާކޮށްފައި ހުރި ތެޔޮ ދޫކުރަން ފަށައިފި ކަމަށް އެ ގައުމުގެ ބްރޯޑްކާސްޓަރު އެންއެޗްކޭ އިން ރިޕޯޓްކޮށްފިއެވެ.

އެންއެޗްކޭ އިން ބުނި ގޮތުގައި މިހާރު ދޫކުރަން ފަށާފައިވަނީ ޖަޕާނުން 15 ދުވަހު ބޭނުންކުރާ ވަރުގެ ތެލެވެ. ޖަޕާނުގެ ތެޔޮ ކުންފުނިތަކުގައި އާންމުކޮށް 70 ދުވަހަށް ބޭނުންވާ ވަރަށް ތެޔޮ ރައްކާކޮށްފައި ހުރެއެވެ. މީގެ އިތުރުން ޖަޕާނު ސަރުކާރުގެ އަމިއްލަ ރިޒާވުން އެއް މަސް ދުވަހަށް ބޭނުންވާ ވަރުގެ ތެޔޮ މި މާރިޗު މަހުގެ ފަހުކޮޅު ބޭރުކުރާނެ ކަމަށް ބެލެވެއެވެ.

ޖަޕާނަކީ ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށްޓަކައި ގިނަ އަދަދެއްގެ ތެޔޮ ރައްކާކޮށްފައިވާ ގައުމެކެވެ. އެގޮތުން ޖުމްލަ 254 ދުވަހަށް ބޭނުންވާ ވަރުގެ ތެޔޮ (ގާތްގަނޑަކަށް 470 މިލިއަން ފީފާ) އެ ގައުމުގައި ރައްކާކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ ރިޒާވް (146 ދުވަސް)، އަމިއްލަ ކުންފުނިތަކުގެ ރިޒާވް (101 ދުވަސް) އަދި ތެޔޮ އުފައްދާ ގައުމުތަކާއެކު ގުޅިގެން ރައްކާކޮށްފައިވާ ތެޔޮ (7 ދުވަސް) އެވެ.

އިންޓަރނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) އިން އާދީއްތަ ދުވަހު އިއުލާންކޮށްފައިވާ ގޮތުގައި، އޭޝިއާ އޯޝަނިއާ ސަރަހައްދުގެ ގައުމުތަކުން 108.6 މިލިއަން ފީފާގެ ތެޔޮ ވަގުތުން ބާޒާރަށް ނެރޭނެއެވެ.

އައިއީއޭގެ އެގްޒެކެޓިވް ޑައިރެކްޓަރު ފާތިހް ބިރޯލް ވިދާޅުވީ، މާރިޗު 16 އިން ފެށިގެން މީގެ ކުރިން ދުވަހަކުވެސް ނުނެރޭހާ ގިނަ އަދަދެއްގެ ތެޔޮ ބާޒާރަށް ނެރެވޭނެ ކަމަށެވެ. ނަމަވެސް، ތެލުގެ ބާޒާރު ހަމައަކަށް އެޅުވުމަށްޓަކައި "ސްޓްރެއިޓް އޮފް ހޯރްމޫޒް" ހުޅުވިފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *